އޯ.އައި.ސީ.ގައި ކުރެވުނީ އުފެއްދުންތެރި މަޝްވަރާތަކެއް: ޚަލީލު

އޯ.އައި.ސީ.ގައި ކުރެވުނީ އުފެއްދުންތެރި މަޝްވަރާތަކެއް: ޚަލީލު

ގުޅުންހުރި

ޖިއްދާގައި ބޭއްވުނު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ ޚާރިޖީ ވަޒީރުންގެ މަޖްލިސްގެ އެކްސްޓްރާ އޯޑިނަރީ ސެޝަންގައި ބައިވެރިވެވަޑައިގެން، ކުރެވުނީ އުފެއްދުންތެރި މަޝްވަރާތަކެއް ކަމުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ޕޯސްޓްކުރެއްވި މެސެޖެއްގައި ޑރ. ޚަލީލް ވިދާޅުވީ، އޯ.އައި.ސީ.ގެ ބައްދަލުވުމުގައި ވަރަށް ގިނަ ބޭފުޅުންނާއެކު އުފެއްދުންތެރި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ޖިއްދާގައި ދެއްކެވި ވާހަކަފުޅުގައި ޑރ. ޚަލީލް ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ތާއީދުކޮށް، އިޒްރޭލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުމާއި، ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ފުރާލުމަށް ގޮވާލާ ގޮވާލުންތައް ކުށްވެރިކުރައްވާފައެވެ.

އިސްރާއީލުން މެދުކެނޑުމެއްނެތި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން، ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ގޮވާލައްވާފައިވެއެވެ.

މީގެއިތުރުން، އަރަބް ލީގް ސަމިޓްގައި ފާސްކުރެވުނު ޣައްޒާ އާރާސްތުކުރުމުގެ މަގުޗާޓަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށް ޑރ. ޚަލީލް ވަނީ ހާމަކުރައްވާފައެވެ.

ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ، ފަލަސްޠީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމަށެވެ. އަދި މި ހަނގުރާމައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރެވުމުންކަމުގައި ފާހަގަކުރައްވާފައިވެއެވެ.

އޯ.އައި.ސީ. އަކީ 57 އިސްލާމީ ޤައުމުގެ މައްޗަށް އެކުލެވިގެންވާ، ފަލަސްޠީނުގެ ހައްޤުގައި އަބަދުވެސް ވަކާލާތުކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. ދިވެހިރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން މި ޖަމްޢިއްޔާގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ޤައުމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ