ނިމިދިޔަ 2024 ވަނަ އަހަރު ރާއްޖޭގައި ލޭ ހަދިޔާކުރުމުގެ ޘަޤާފަތް އިތުރަށް ކުރިއަށްގޮސްފައިވާކަން މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް)ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ފެނިގެންދެއެވެ.
މިގޮތުން، ސެންޓްރަލް ބްލަޑް ބޭންކަށް 9463 މީހުން ލޭ ހަދިޔާކޮށް، 83 ޑޮނޭޝަން ކޭމްޕް ބޭއްވިފައިވެއެވެ. މި ކޭމްޕްތަކުން 2964 ބްލަޑް ޕޮއިންޓް ހޯދައި، 9168 ޔުނިޓްގެ ލޭ ބަލިމީހުންނަށް ބޭނުންކުރެވިފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
ލިބުނު ލޭގެ 60% އަކީ ވަކިވަކި ޕޭޝަންޓުންނަށް ހަދިޔާކުރެވުނު ލޭ ކަމަށްވާއިރު، 25% އަކީ ބްލަޑް ބޭންކުން ހަދިޔާކުރި ލޭ ކަމަށްވެއެވެ. އަދި 8% އަކީ އެހެނިހެން ގޮތްގޮތުން ލިބުނު ލޭ ކަމުގައި ތަފާސްހިސާބުތަކުން ހާމަވެއެވެ.
ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން ލޭ ހަދިޔާކުރި 6587 ޑޯނަރުންގެ ހީމޮގްލޮބިން ލެވެލް ބަލައި، 6451 ޑޯނަރުންގެ ބްލަޑް ގްރޫޕް ދެނެގަނެވުނެވެ.
އަދި ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ގޮތުން 124 ސްކޫލެއްގައި ސްކްރީނިންގ ޕްރޮގްރާމްތައް ހިންގައި، 6765 ދަރިވަރުން ސްކްރީންކުރެވުނެވެ. މީގެއިތުރުން، ސްކޫލްކުދިންނާއި ބެލެނިވެރިންނާއި އެހެނިހެން ފަރާތްތައް ހިމެނޭހެން 9976 މީހުންނަށް 122 އެވެއަރނެސް ސެޝަން ބޭއްވުނެވެ.
އެމްބީއެސްއިން އަތޮޅުތަކުގެ ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް އަމާޒުކޮށް ތެލެސީމިއާއާ ގުޅޭ ވަރޗުއަލް ޓްރެއިނިންގ ސެޝަންތައްވެސް ބާއްވައިފިއެވެ. މިގޮތުން ޑޮކްޓަރުންނަށް 7 ސެޝަނާއި، ނަރުހުންނަށް 10 ސެޝަނާއި، ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނަށް 1 ސެޝަން ބޭއްވުނެވެ.
ޑޮނަރުންގެ މި އިންސާނީ ހަދިޔާއަކީ ގިނަ ބަލިމީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެޅޭ އަގުހުރި ފިޔަވަޅެއްކަމަށް އެމްބީއެސްއިން ފާހަގަކޮށްފައިވެއެވެ.