ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރު ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުނައްވަރު ވިދާޅުވެފައިވަނީ ސުއޫދަށް އޭނާ ސެލިއުޓު ކުރައްވާ ކަމަށާއި ސުއޫދަކީ ރާއްޖޭގެ ޤާނޫނީ ދާއިރާގައި އުފެދުނު އެންމެ މޮޅު އެއް ފަރާތް ކަމަށެވެ.
"ވަކީލެއްގެ ހައިސިއްޔަތުން، ޤާނޫނީ ފަންނުގެ އެކެޑެމިކެއްގެ ހައިސިއްޔަތުން، ބަންޑާރަ ނައިބެއްގެ ހައިސިއްޔަތުން، ސިވިލް ކޯޓުގެ އިސް ޤާޒީގެ ހައިސިއްޔަތުން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން، މި ޤައުމަށް ޚިދުމަތް ކުރަން ސުއޫދު ވަނީ ހަޔާތެއް ހޭދަ ކުރައްވައިފަ" މުނައްވަރު ވިދާޅުވިއެވެ.
ސުއޫދު އިސްތިއުފާ ދެއްވާފައިވަނީ އޭ.ސީ.ސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޖޭ.އެސް.ސީން އޭނާ ސަސްޕެންޑްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ސުއޫދު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް އެ ކޯޓުން ނިންމުމާއެކު، ސަރުކާރުގެ ފަރާތުން ޤާނޫނު އަސާސީއާ ޚިލާފަށް ރާއްޖޭގެ ޢަދުލު އިންޞާފުގެ ބާރަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
އަދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލަ އެ ކޯޓުގައި ބެލުން ހުއްޓުވުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހުން ބިލެއް ފާސްކޮށް، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކަމުންދާ ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.
މީގެއިތުރުން ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލަ ރައީސް މުޢިއްޒު ބޭނުންފުޅުވާ ގޮތަށް ނިންމަން ޤާނޫނުއަސާސީގެ 144ގެ (ނ) އާއި (ރ) އާ ޚިލާފަށް ސުޕްރީމް ކޯޓަށް އެމަނިކުފާނު ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށްވެސް ސުއޫދު ވަނީ ތުހުމަތުކުރައްވާފައެވެ.