އަންނަ އޭޕްރިލް މަހުން ފެށިގެން ގޭބީސީތަކުގެ ކަރަންޓު މީޓަރުގެ ރީޑިންގ ނަގާތާ 1 ދުވަހުގެ ތެރޭގައި ބިލް ފޮނުވާނެ ކަމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، މި އިންތިޒާމް ހަމަޖައްސައިދެނީ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތެއް ފަކޮށްދިނުމުގެ ގޮތުން ކަމަށެވެ.
މީގެ ކުރިން ކަރަންޓު ބިލް ފޮނުވަނީ ރީޑިންގ ނަގާތާ 25 ދުވަސް ފަހުންނެވެ. އެހެންނަމަވެސް، މިހެން ފޮނުވާއިރު އާންމުންގެ މެދުގައި ވަކި މަސްމަހަށް ވަކިން އަރާވަރާ މެދު އޮޅުން އަރާ ކަމަށް، ފަހުމީ ވިދާޅުވި އެވެ.
މި ބަދަލަށް އަމަލުކުރަން ފަށާނީ މި އަންނަ އޭޕްރިލް މަހުން ފެށިގެންނެވެ.
ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަކީ ކަރަންޓު ބޭނުންކުރާ ވަރު ވަރަށް މަތިވާ މަހެއްކަން ފާހަގަކޮށްލެވެ އެވެ. ރަމަޟާން މަހު ކަރަންޓު ބޭނުންކުރާ މިންވަރު މަތިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަހު ގޭބެސީތަކުގެ ކަރަންޓާއި ފެން ބިލަށް ޑިސްކައުންޓް ދިނުމަށް ނިންމާފަ އެވެ.
މިގޮތުން ކޮންމެ ގޭބިސީއެއްގެ ކަރަންޓު ބިލަށް މަދުވެގެން 10 އިންސައްތަ ލިބޭނެ ކަމަށް، ފަހުމީ ވިދާޅުވެފައި ވެއެވެ.
މިދިޔަ އަހަރު ވެސް ސަރުކާރުން، ރާއްޖޭގެ ގޭސިބީތަކުގެ ރަމަޟާން މަހުގެ ކަރަންޓާއި ފެން ބިލަށް ޑިސްކައުންޓް ދީފައި ވެއެވެ.