ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީ ވެއްދުން އިޒްރޭލުން ހުއްޓުވުމުން، އެކަން ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާއަށް އިންސާނީ އެހީ އެތެރެވުން ހުއްޓާލުމަށް އިޒްރޭލުން ނިންމި ނިންމުން ދިވެހި ސަރުކާރުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އެއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށްވެސް ރާއްޖެއިން ބުނެފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އިޒްރޭލުން ހިންގާ މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށާއި ބައިނަލްއަގުވާމީ މުޖުތަމައުތައް ޖަވާބުދާރީކުރުވުމުގެ ނިޒާމުތައް ޒިންމާދާރުކުރުވުމަށާއި ގާޒާގެ ހުރިހާ ސަރަހައްދަކަށް ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން ގޮވާލައިފައިވާ ކަމަށެވެ.
މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ސުލްހަވެރި ހައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމްކުރެވިގެން ކަމަށް ރާއްޖެއިން ދެކޭކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ރޯދަމަހުގެ ނިޔަލަށް ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް އިޒްރޭލުން އެއްބަސްވެފައިވީނަމަވެސް، ހަމާސްއިން ބުނެފައިވަނީ ދާއިމީ ހައްލެއް ހޯދައި ރަހީނުން މިނިވަންކުރުމުގެ މަޝްވަރާތައް ވަގުތުން ފަށަންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އިޒްރޭލުން ބުނެފައިވަނީ ހުރިހާ ރަހީނުން މިނިވަންކުރުމަށް ފަހުގައި އެއްބަސްވުމާމެދު ވާހަކަ ދެކެވޭނެ ކަމަށެވެ.