މާލެ، 2 މާރޗް 2025 – ކާބޯތަކެތި ލިބެން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ކުރާ އިޝްތިހާރުތަކަށް ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެމްއެފްޑީއޭ އިން ފެބްރުއަރީ 20 ވަނަ ދުވަހު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކެއިންބުއިމަށް ބޭނުންކުރާ އެއްވެސް ބާވަތެއްގެ އެއްޗެއް އިޝްތިހާރު ކުރާނަމަ އެ އިދާރާގެ ހުއްދަ ނަގަންޖެހޭނެ ކަމަށެވެ. އަދި އެ ގަވާއިދާ ޚިލާފުވާ ފަރާތްތައް 10,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް އޭރު ޝާއިޢު ކުރި ގަވާއިދުގައި ވެއެވެ.
މި ގަވާއިދާ ގުޅިގެން ގިނަ އަދަދެއްގެ އާންމުންނާއި ކުދި ވިޔަފާރިތައް ހިންގާ މީހުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. ކާބޯތަކެތި ވިއްކުމަށް ހަދާ ވަކިވަކި ޕޯސްޓުތަކުން ހުއްދަ ނަގަން ޖެހުމަކީ އެކަމުގައި ގިނަ ދަތިތަކެއް ދިމާވާނެ ކަމެއް ކަމަށް ބައެއް އާންމުން ދިޔައީ ބުނަމުންނެވެ.
ގަވާއިދު ބަދަލު ކުރުމަށް އާންމުންގެ ގިނަބަޔަކު އަޑު އުފުލަމުންދާ މި ދަނޑިވަޅުގައި އެ ނިންމުން ބަދަލުކޮށް އެ އޮތޯރިޓީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރެސްޓޯރަންޓުތަކުގެ މެނޫ ނުވަތަ ވަކި ކާބޯއެއްޗެެއް ލިބެން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރާ އިސްތިހާރަށް ހުއްދަ ނަގަން ނުޖެހޭނެ ކަމަށެވެ.
ނަމަވެސް ވިއްކާ ކާބޯތަކެއްޗަކީ "ދެވަނައެއް ނެތް" އެއްޗެއް ކަމަށް ބުނެ ނުވަތަ އިތުރު އެއްޗަކާ އަޅާކިޔުން ފަދަ އިބާރާތެއް ނުވަތަ ފޮޓޯއެއް ބޭނުންކުރާނަމަ ހުއްދަ ނަގަން ޖެހޭނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. އަދި ހުއްދަ ހޯދަން ބޭނުންވާ ފަރާތްތަކުން އެކަމުގެ ތަފްސީލުތައް "ދިރިތި" ޕޯޓަލްއިން ހުށަހަޅައި ހުއްދަ ހޯދުމަށް އެމްއެފްޑީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.
މިނިސްޓްރީން އެފަދަ އިޝްތިހާރުތަކަށް ހުއްދަ ދޫކުރަނީ ތިން އަހަރަށް ކަމަށްވާއިރު، ފާސްކޮށްފައިވާ އިޝްތިހާރަށް ބަދަލެއް ގެނެސްފިނަމަ، އާ އިޝްތިހާރެއްގެ ގޮތުގައި އަލުން ފާސްކުރަން ޖެހެއެވެ.
ކުރިން ޝާއިޢު ކުރި ގަވާއިދުގައި ބުނާ ގޮތުން އިސްތިހާރު ކުރުމަށް ކޮންމެ އޯޑިއޯ ނުވަތަ ވީޑިއޯ އިޝްތިހާރަކަށް 1,500 ރުފިޔާ ނަގާނެއެވެ. އަދި ވީޑިއޯ ނުވަތަ އޯޑިއޯ ނޫން އިޝްތިހާރުތަކަށް 1,000 ރުފިޔާ ނަގާނެއެވެ. މީގެ އިތުރުން ކާބޮނޭޓަޑް ޑްރިންކްސް ނުވަތަ އެނާޖީ ޑްރިންކްސް އިޝްތިހާރު ކުރާނަމަ ކޮންމެ މީޑިއަމެއްގެ އިސްތިހާރެއް ކަމަށްވިޔަސް އެ އިޝްތިހާރުގެ ފީއެއްގެ ގޮތުގައި 3,000 ރުފިޔާ ނެގުމަށް ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ.
ކޮމެންޓު ފޮނުވާ