ވާރޭވެހި، މާލޭގައި ފެންބޮޑުވުމާ ގުޅިގެން ތިން ހޮސްޕިޓަލެއްގެ އޯޕީޑީ ޚިދުމަތް ބަންދުކޮށްފި

ވާރޭވެހި، މާލޭގައި ފެންބޮޑުވުމާ ގުޅިގެން ތިން ހޮސްޕިޓަލެއްގެ އޯޕީޑީ ޚިދުމަތް ބަންދުކޮށްފި

ގުޅުންހުރި

މާލެއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި، ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ، އާންމުންނަށް ހޮސްޕިޓަލަށް ދަތުރުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިޢާޔަތްކޮށް، ދަރުމަވަންތަ ހޮސްޕިޓަލާއި، އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުން މިއަދަށް އައުޓް ޕޭޝަންޓުގެ ޚިދުމަތް ނުވަތަ އޯޕީޑީ ބަންދުކޮށްފިއެވެ.

ހުކުރު ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ މޫސުން ގޯސްވެ، އިއްޔެ މެންދުރުފަހުން ފެށިގެން ރޭ ފަތިހާ ހަމައަށް މެދުނުކެނޑި ވެހުނު ބޯ ވާރޭގައި މާލޭގެ ގިނަ މަގުތަކުގައި ވަނީ ބޮޑެތި ފެންބޮޑުވުންތައް ކުރިމަތިވެފައެވެ.

ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ސިފައިންގެ އިތުރުން މާލެ ސިޓީ ކައުންސިލުން ވެސް ހަރަކާތްތެރިވަމުންދެއެވެ. މިގޮތުން މާލޭގެ 6 ސަރަހައްދެއްގައި 13 ޕަމްޕު ބަހައްޓައިގެން ސިފައިން ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. މިއީ އައިޖީއެމްއެޗް، މާފަންނު ފެރީ ޓާމިނަލް، ވެސްޓްޕާކް، ސަލްމާން މިސްކިތް، ބޮޑުވަޅު އަދި ކުޑަކުދިންގެ ބަގީޗާ ހުންނަ ސަރަހައްދުތަކެވެ.

އައިޖީއެމްއެޗުން މިއަދު ހެނދުނު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހޮސްޕިޓަލު ސަރަހައްދުގައި ފެން ބޮޑުވެފައިވާތީ، އާންމުންނަށް ހޮސްޕިޓަލަށް ދިއުމާއި އެނބުރި އައުމުގައި ދަތިތަކާ ކުރިމަތިވެދާނެތީ، ތިން ހޮސްޕިޓަލުގެ އޯޕީޑީތައް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެ ތިން ހޮސްޕިޓަލުންވެސް އައިޕީޑީ އަދި އިމަޖެންސީ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، މެދުނުކެނޑި ބޯކޮށް ވާރޭވެހި މާލެ އާއި ބައެއް ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ، އާންމުންނަށް ދަތިތަކެއް ދިމާވެފައިވާތީ، މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ