އުތުރު އިންޑިއާގައި ހިނގާފައިވާ ބޮޑު އަވަލާންޗެއްގައި (ސްނޯ ކަނޑައިގެންދިޔަ ހާދިސާއެއްގައި) 22 މަސައްކަތްތެރިން ސްނޯ ދަށުވެފައިވާކަމަށް ބެލެވޭތީ ހޯދާ ސަލާމަތްކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހު ކުރިޔަށް ގޮސްފިއެވެ.
އިންޑިއާގެ އުއްތަރާކަންޑް ސްޓޭޓްގައި ހުރި ޗަމޯލި ސަރަޙައްދުގެ ޓިބެޓް އިން ކައިރި މަނާ ރަށުގެ ކައިރީގައި ހުރި އިމާރާތްކުރުމުގެ ކޭމްޕެއްގައި ހުކުރު ދުވަހު ހިނގި އަވަލާންޗުގައި މި މަސައްކަތްތެރިން ގަނޑުފެނާއި އުކާފައިވާ ގަލާއި ވެލީގެ ދަށުގައި ވަނީ ފޮރުވިފައެވެ.
އުއްތަރާކަންޑް ސްޓޭޓްގެ ޗީފް މިނިސްޓަރ ޕުޝްކަރ ސިންގ ދާމީ ވިދާޅުވީ މޫސުން ރަނގަޅުވުމާއެކު "އިމަޖެންސީ އަދި ސަލާމަތްކުރުމުގެ މަސައްކަތް އަވަސްކުރެވިފައިވާ" ކަމަށެވެ.
"ގަނޑުފެނުގެ ދަށުގައި ހިފެހެއްޓިފައިވާ ހުރިހާ މަސައްކަތްތެރިން ވީހާވެސް އަވަހަކަށް ރައްކާތެރިކަމާއެކު ސަލާމަތްކުރުމަށް ހުރިހާ މަސައްކަތެއްވެސް ކުރެވެމުންދޭ" ދާމީ އެކްސް ޕްލެޓްފޯމުގައި ޕޯސްޓްކުރި މެސެޖެއްގައި ވިދާޅުވިއެވެ.
ފުލުހުން ބުނެފައިވާ ގޮތުން ފުރަތަމަ 55 މަސައްކަތްތެރިން ވަނީ ގަނޑުފެނުން ވަޅުލެވިފައެވެ.
ސަރަޙައްދުގައި ތިބި ސިފައިންގެ ޑޮކްޓަރުން ނުރައްކާތެރި ހާލުގައި ތިބި ބައެއް މީހުންނަށް ފުރާނަ ސަލާމަތްކުރުމުގެ ސާރޖަރީ ކޮށްދީފައިވެއެވެ.
ޓިބެޓާ ގުޅިފައިވާ މަނާ ރަށުގައި ދިރިއުޅޭ ރައްޔިތުން، ގަދަ މޫސުމުން ސަލާމަތްވުމަށް ދަށް ސަރަޙައްދުތަކަށް ބަދަލުވެފައިވާތީ ރަށް ހުސްވެފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ހިމާލަޔާ ފަރުބަދަތަކުގެ މަތީފަށަލައިގައި އަވަލާންޗާއި ބިންހެލުން އާންމުކޮށް ދިމާވެއެވެ. ޚާއްޞަކޮށް ފިނިމޫސުމުގައެވެ.
ސައިންޓިސްޓުން ބުނެފައިވާ ގޮތުން އިންސާނުން ތެޔޮ އެންދުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލު (ކްލައިމެޓް ޗޭންޖް) ގެ ސަބަބުން މޫސުމީ ހާދިސާތައް އިތުރަށް ނުރައްކާތެރިވެ، ހޫނުވާ ކަނޑުތަކުގެ ސަބަބުން އިތުރަށް ގަދަވެފައިވެއެވެ.
ނާޒުކު ހިމާލަޔާ ސަރަޙައްދުތަކުގައި ތަރައްޤީގެ މަސައްކަތްތައް އަވަސްވެފައިވާކަމުން ގަސްގަހާގެހި ކެނޑުމާއި އިމާރާތްކުރުމުގެ ނުރައްކާތެރި ނަތީޖާއާ މެދު ބިރުވެރިކަން އިތުރުވެފައިވެއެވެ.
2013 ވަނަ އަހަރު ވިއްސާރަމޫސުމުގައި ނުރައްކާތެރި ފެންބޮޑުވުމާއި ބިންހެލުމުގައި 6000 މީހުން މަރުވެ، އަދި އެސްޓޭޓްގައި ހިންގަމުންދާ ތަރައްޤީގެ މަޝްރޫޢުތައް އަލުން މުރާޖަޢާކުރުމަށް ގޮވާލާފައިވެއެވެ.