ސައުތު އޭޝިއަން ބާސްކެޓުބޯޅަ އެސޯސިއޭޝަން (ސާބާ) ވިމަންސް ޗެމްޕިއަންޝިޕުގައި ރިހި މެޑަލް ހޯދުން ފާހަގަކުރުމަށް ޤައުމީ އަންހެން ބާސްކެޓު ބޯޅަ ޓީމަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވުނު ތިންވަނަ ސާބާ ވިމަންސް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ރާއްޖޭގެ ޓީމު ވާދަކުރީ އިންޑިއާއާ ދެކޮޅަށެވެ. ފައިނަލް މެޗު ނިމުނީ އިންޑިއާއިން 107-32 އިން ކުރިހޯދައިގެންނެވެ.
ސާބާ މުބާރާތުގައި ރާއްޖެއަށް ރިހި މެޑަލް ލިބުނީ މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން، 2016 އަދި 2022 ވަނަ އަހަރު ބޭއްވުނު މުބާރާތްތަކުގައި ރާއްޖެއިން ހޯދާފައިވަނީ ލޯ މެޑަލެވެ.
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސާބާ ޗެމްޕިއަންޝިޕުން ރިހި މެޑަލް ހޯދައިގެން ރާއްޖެ އައި ޤައުމީ އަންހެން ބާސްކެޓު ބޯޅަ ޓީމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަރުޙަބާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް، ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އަދި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ޙާޟިރުވިއެވެ.
މިއަހަރުގެ ސާބާ ވިމަންސް ޗެމްޕިއަންޝިޕްގައި ބައިވެރިވެފައިވަނީ ރާއްޖެއާއި އިންޑިއާ އަދި ނޭޕާލެވެ. މުބާރާތް ކުރިއަށް ގެންދިޔައީ ލީގު އުސޫލުންނެވެ. ލީގު ބުރުގެ ފުރަތަމަ މެޗުގައި ރާއްޖެ އިންޑިއާ އަތުން ބަލިވި ނަމަވެސް، ދެވަނަ މެޗުގައި ނޭޕާލް ބަލިކޮށް ޤައުމީ ޓީމުން ފައިނަލްގައި ވާދަކުރުމުގެ ޝަރަފު ހޯދައިފިއެވެ.