އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު މި ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެ ކޯޓުގައި ތަޅުއެޅުވުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ)، ސުޕްރީމް ކޯޓު ހިންގޭނޭ ގޮތެއް ހަދައިދިނުމަށް އެދި ހައިކޯޓަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.
"އެކްސް" ގައި މިރޭ ކުރި ޕޯސްޓެއްގައި، ފެހި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ހިމެނިވަޑައިގެންނެވި އިބުރާ ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގައި "ތަޅު" އަޅުވާފައި އޮތުމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިނަމަ ރައްޔިތުންގެ ހައްގުތައް ގެއްލޭނެ ކަމަށާއި، ގާނޫނު އަސާސީގެ ބާރު އޭރުން ދިޔައީ ކަމަށެވެ. ނަމަވެސް އިބުރާ ހުށަހެޅުއްވި މައްސަލަ މިހާތަނަށް ކޯޓުގެ ރަޖިސްޓްރީން ބަލައިގަތްކަން ދައްކާފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވަނީ މަޖިލީހުގެ މެންބަރުކަމަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް އެ ކޯޓުގައި ބުދަ ދުވަހު ހެނދުނު ފަށަން ތައްޔާރުވަނިކޮށެވެ. ޖޭއެސްސީން ފަނޑިޔާރުންނަށް ފޮނުވި ނޯޓިސްގައި ފަނޑިޔާރުން ސަސްޕެންޝަނުގައި ތިބެންޖެހޭނެ މުއްދަތެއް ނުވަތަ މުސާރަ ލިބޭގޮތަށް ނުވަތަ ނުލިބޭގޮތަށްކަން ވެސް ބަޔާންކޮށްފައެއް ނުވެއެވެ.
އޭސީސީން ނެރުނު ބަޔާނުގައި ކޮމިޝަނުން އެ މައްސަލަތައް ބަލަނީ ނުފޫޒެއް ނެތި ކަމަށް ބުނެފައިވާއިރު، ޖޭއެސްސީން މިހާރު ބަލަމުންދަނީ ފަނޑިޔާރު ސުއޫދު ހައިކޯޓުގެ ރަޖިސްޓްރާ އަށް ބިރުދެއްކި ކަމަށް ބުނާ މައްސަލައެކެވެ. އަދި މަހާޒުއާ އަޒްމިރަލްދާ އަށް ޖޭއެސްސީން ތުހުމަތުކުރަނީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރި މައްސަލާގައި ނުފޫޒު ފޯރުވި ކަމަށެވެ. މި މައްސަލަ ކޮމިޝަނަށް ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ.
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ކޯޓުގެ 7 ފަނޑިޔާރުންގެ ބެންޗަކުން ބަލަމުން ދަނިކޮށް މި ތިން ފަނޑިޔާރުން ސަސްޕެންޑްކުރުމާ ގުޅިގެން އަލީ ހުސައިނާއި އޭނާގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަލީ ހުސެއިން ވިދާޅުވެފައިވަނީ ޖޭއެސްސީން ފަނޑިޔާރުންގެ މައްޗަށް މައްސަލައެއް އުފަން ކޮށްގެން ކަމަށާއި ސަސްޕެންޑްކުރީ ވެސް ކޮމިޝަނުގެ ގާނޫނާ ހިލާފަށް ކަމަށެވެ.
ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުން ފާސްކޮށްފައިވާ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދިވެސް ތަސްދީގުނުކުރައްވާ ވަގުތެއްގައެވެ.