ސައުތު އޭޝިޔާ ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) އިން އިންތިޒާމުކުރި 3 ވަނަ ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތުން، ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ރިހި މެޑަލް ހޯދައިދިން ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
މީސް މީޑިއާ މަންސަ، "އެކްސް"ގެ އެމަނިކުފާނުގެ ރަސްމީ އެކައުންޓުގައި ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ، މުބާރާތުގެ ފައިނަލުގައި ދިވެހިރާއްޖެ އާއި އިންޑިއާ ވާދަކުރި މެޗުގައި ދިވެހި ޤައުމީ ޓީމުން ދެއްކި ރީތި ކުޅުމާއި ކުރި ހިތްވަރަށް ސާބަސް ދެއްވާފައެވެ.
މި މަހުގެ 26 ވަނަ ދުވަހު އިންޑިއާގެ ނިއުދިއްލީގައި ކުޅުނު މުބާރާތުގެ ފައިނަލްމެޗުން ދިވެހި ޓީމުގެ މައްޗަށް އިންޑިއާ ޓީމުން ކުރި ހޯދީ، 107-32 ގެ ނަތީޖާއަކުންނެވެ. މިއީ ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތަކުން ދިވެހި ޓީމަށް ރިހި މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތީން ދިވެހި ޤައުމީ ޓީމުން ވަނީ މި މުބާރާތުގެ ލޯ މެޑަލް ހޯދާފައެވެ. އެއީ 2016 ވަނަ އަހަރާއި 2022 ވަނަ އަހަރުގައެވެ.