ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ އިޞްލާޙަކީ ޤާނޫނުއަސާސީއާ ޚިލާފު އިޞްލާޙެއްކަމަށް ވެރިކަންކުރާ ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ވިދާޅުވެއްޖެއެވެ.
މި އިޞްލާޙަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވަމުން އަޒާން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކޮށްފައިވާ މި އިޞްލާޙަކީ ޤާނޫނުއަސާސީގެ ރޫޙާ ޚިލާފު އިޞްލާޙެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ރޯލް ކޯލް ވޯޓަކުން ފާސްކޮށްފައެވެ. ވެރިކަންކުރާ ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މި ބިލަށް ތާއީދުނުކުރައްވާ، ރޯލް ކޯލް ވޯޓުގައި އޭނާ ނަން ގޮވަމުން ދަނިކޮށް ވަނީ މަޖިލީހުގެ ތަޅުން ދޫކުރައްވައި ވަޑައިގެންފައެވެ.
އަޒާން "އެކްސް" މެދުވެރިކޮށް އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅުނު ބިލަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޚިލާފު، އަދި ޚާއްޞަކޮށް ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ޚިލާފު ބިލެއްކަމަށާއި، އެ ސަބަބަށްޓަކައި އެ ބިލަށް ތާއީދުނުކުރައްވަން ނިންމެވީ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަޅުގަނޑު ރައްޔިތުންގެ ކުރިމަތީގައި ހުރެ ދިން ޔަޤީންކަމަކީ، ދާއިރާގެ ރައްޔިތުންނާއި ޤައުމުގެ މަޞްލަޙަތު އިސްކުރާނެ ކަމުގެ ޔަޤީންކަން" ކަމަށް އަޒާން ވިދާޅުވެފައިވެއެވެ.
އަޒާން އޭނާގެ ބަޔާނުގައި ހާމަކުރައްވާފައިވާ ގޮތުގައި، މި ބިލާ ގުޅޭގޮތުން ނިންމުން ނިންމެވީ ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ވަކީލުންނާއި، ކުރީގެ ފަނޑިޔާރުން، ޝަރުޢީ ދާއިރާގެ ތަޖުރިބާކާރުން އަދި ކެބިނެޓް މެންބަރުންގެ މަޝްވަރާގެ މައްޗަށް ބިނާކޮށެވެ.
އަޒާން ދެކެ ގޮތުގައި، ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ހުރިނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން މެދުވެރިކޮށް އެ މައްސަލަ ބަލައި، މައްސަލަ ސާބިތުވާނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރުން ވަކިކުރެވިދާނެއެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތްއިރު، ކޯޓުތަކާބެހޭ ޤާނޫނު އިޞްލާޙުކޮށްގެން ވަކި ދެ ފަނޑިޔާރަކު ވަކިކުރުމަށް މަސައްކަތްކުރުމަކީ ޤާނޫނީ ގޮތުން ދެކޮޅުޖެހޭ ކަމެއް ނޫންކަމަށް އަޒާން ވިދާޅުވެފައިވެއެވެ.
އިތުރަށް، ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބަލަމުންދަނިކޮށް މިފަދަ ކަމެއް ކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށްވެސް އަޒާން ވަނީ ފާހަގަކުރައްވާފައެވެ.