ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ އެ ފަނޑިޔާރުން ވަކިކުރުން އިންސާފުވެރިތޯ ސުވާލު އުފައްދައިފި!

ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ އެ ފަނޑިޔާރުން ވަކިކުރުން އިންސާފުވެރިތޯ ސުވާލު އުފައްދައިފި!

ގުޅުންހުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލް ފާސްކޮށް، ދެ ފަނޑިޔާރަކު ވަކިކުރަން ޖެހޭ ހާލަތުގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ އެ ފަނޑިޔާރުން ވަކިކުރުން އިންސާފުވެރިތޯ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ސުވާލު އުފައްދަވައިފިއެވެ.

ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހަށް ހުށަހެޅި ބިލް މިއަދު ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައި، އެ ކޮމިޓީން މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ފާސްކޮށްފައިވެއެވެ. ނަމަވެސް މި ބިލާމެދު ފިލްޒާގެ ހުރި ކަންބޮޑުވުންތަކެއް ހުށަހެޅުއްވުމާ ގުޅިގެން، ކުއްލި ކޮމިޓީ ބައްދަލުވުމެއް މިރޭ ބާއްވާފައިވެއެވެ.

ފިލްޒާގެ ކަންބޮޑުވުމަކީ، ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ބަދަލުކުރާއިރު، ބައެއް ފަނޑިޔާރުން މަޤާމުން ވަކިކުރަން ޖެހޭނެކަމަށް ވިދާޅުވެފައިވެއެވެ. ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ފަނޑިޔާރުން މަޤާމުން ވަކިކުރެވޭނީ ފަނޑިޔާރަކު އެ މަޤާމަށް ޤާބިލު ނޫންކަމަށް ގަބޫލުކުރެވިގެން، ނުވަތަ އެ މަޤާމާ އެކަށީގެންނުވާ ފަދަ އަމަލެއް ކޮށްފައިވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުންނެވެ.

ފިލްޒާ ވިދާޅުވެފައިވަނީ، މަޖިލީހުން ފާސްކުރާ ގާނޫނަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ޖެހިއްޖެ ހާލަތެއްގައި، ފަނޑިޔާރެއްގެ ގާބިލުކަމާމެދު ޖޭއެސްސީން ސުވާލު އުފައްދާފައި ނުވި ނަމަވެސް، އެފަދަ ފަނޑިޔާރުން ގާބިލުނޫން ކަމަށް ކަނޑައަޅަން ޖެހޭނެކަމަށެވެ. އެހެންކަމުން، އެ ފަނޑިޔާރުންނަށް ދިފާއުގައި ޖަވާބުދާރީވާނެ ފުރުސަތު ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، މިފަދައިން ފަނޑިޔާރުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއްތޯ ސުވާލު އުފައްދަވާފައިވެއެވެ.

މީގެއިތުރުން، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަޤާމުން ވަކިވާ ފަނޑިޔާރުންނަށް ދައުލަތުން އިނާޔަތްތަކެއް ދޭއިރު، ފަނޑިޔާރުކަމުގެ ޤާބިލުކަން ނެތްކަމަށް ޖޭއެސްސީން ކަނޑައަޅައިގެން ވަކިކުރާ ފަނޑިޔާރުންނަށް މިފަދަ އިނާޔަތެއް ދިނުމަކީ ދެކޮޅުޖެހޭ އުސޫލެއް ނޫންކަމަށްވެސް ފިލްޒާ ލަފާދެއްވާފައިވެއެވެ.

މިރޭގެ ކޮމިޓީގައި މި ކަންބޮޑުވުންތަކާ ގުޅިގެން ގޮތެއް ނިންމުމުގެ ބަދަލުގައި، މަޖިލީހުގެ ތަޅުމުން މިކަމަށް ގޮތެއް ނިންމުމަށް ނިންމާފައިވެއެވެ. މި ހުށަހެޅުން ކޮމިޓީއަށް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. ކޮމިޓީގައި ވޯޓަށް އެހުމުން ފަޒާދުގެ ހުށަހެޅުމާ އެއްކޮޅަށް ވޯޓު ދެއްވީ ހަ މެންބަރުންނެވެ. އިދިކޮޅު ދެ މެންބަރުން އެ ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވާފައިވާއިރު، ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމު ވަކި ކޮޅަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ. ހަވީރު ބޭއްވި ކޮމިޓީގައިވެސް އަނާރާ ވަކި ކޮޅަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާ އަނާރާ، ބިލް ފާސްކުރުމުގައި ވަކި ކޮޅަކަށް ޖެހިވަޑައިގަންނަވަން ދެކޮޅުހެއްދެވިއިރު، މިއަދު އެ ބިލް ކޮމިޓީއަށް ފޮނުވަން ނެގި ވޯޓުގައި ބައިވެރިނުވާ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީން ބުނެފައިވެއެވެ. ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުވެސް ވަނީ ވޯޓުގައި ބައިވެރިނުވުމަކީ އެއްވެސް ފަހަރަކު އެއްވެސް މެންބަރަކު ކުރައްވައިގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާފައެވެ.

ސުޕްރީމް ކޯޓުން އަންނަނީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުންނެވެ. އެ މައްސަލަ ކުރިއަށްދަނިކޮށް މި ބިލް ހުށަހެޅުމަކީ ޖުޑިޝަރީއަށް ބާރު ފޯރުވައި، ބިރު ދެއްކުމަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ސިފަކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ވެރިކަން ކުރާ ޕާޓީން ގާނޫނު އަސާސީ އިސްލާހު ކޮށްފައިވަނީ އެއް ދުވަހުގެ މަސައްކަތުންނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20ގައި ބިލުގެ ފުރަތަމަ ކިޔުން އިއްވައި، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައި، އެ ކޮމިޓީން ފާސްކޮށް، ތަޅުމުން ވެސް ފާސްކޮށް، ހަމަ އެ ދުވަހު ރައީސް އެ ބިލް ތަސްދީގު ކުރައްވައި، ގާނޫނު އަސާސީ އިސްލާހު ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ