ސިޔާސީ ބައެއް ފަރާތްތަކުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމަށް ދެއްކުމަށް މަސައްކަތްކުރާ މަޤްޞަދަކީ ގައުމުގެ ހަމަޖެހުން ނަގާލުމާއި ރައީސް މުއިއްޒުގެ ތަސައްވުރަށް ހުރަސްއެޅުން ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު (ސެމްބެ) ވިދާޅުވެއްޖެއެވެ. ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި ރައީސް މުއިއްޒުގެ ސަރުކާރަކީ ގާނޫނާ ހިލާފު، ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމަކަށް ޖާގަދޭނެ ސަރުކާރެއް ނޫނެވެ.
އިހުސާންގެ މައްޗަށް އެމްޑީޕީން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް އިމިގްރޭޝަނުން ބޭނުންކުރަން ރާއްޖޭގެ ކުންފުންޏަކުން އޮންލައިން އެކްސްޕެޓް ސިސްޓަމެއް ޤާއިމްކޮށްފައި ވަނިކޮށް، އެކަން ހުއްޓުވައި ބްލެކްލިސްޓް ކުރެވިފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ބޮޑު އަގުގައި ހަވާލުކުރި ކަމުގެ ތުހުމަތުގައެވެ. އަދި ޑީއެންއާރުގައި ރައްކާކޮށްފައިވާ އާންމުންގެ ޒާތީ މައުލޫމާތު ބޭނުންކޮށް، އާންމުންނަށް ނޭނގި ޕީއެންސީއަށް މެންބަރުން އިތުރުކުރި މައްސަލައިގައިވެސް ތުހުމަތުކުރެވުނެވެ.
ނައިބު ރައީސް ވިދާޅުވީ ބިދޭސީންގެ މައްސަލައާއި މަސްތުވާތަކެތީގެ އިތުރުން ގާނޫނާ ގަވާއިދާ ހިލާފަށް ހިނގަމުންދާ ކުށުގެ އަމަލުތައް ހުއްޓުވުމަށް އިހުސާންގެ ބެއްލެވުމުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، މިފަދަ މަސައްކަތްތައް ކުރިއަށްދަނީ މީގެ ކުރިން ނުދެކޭ ބާރުމިނެއްގައި ކަމަށެވެ. މި މަސައްކަތްތައް ކާމިޔާބުކަމާއެކު ހިނގަމުންދާކަން ދިވެހި ރައްޔިތުން ހެކިވާނެ ކަމަށްވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
އިހުސާންގެ އިތުބާރު ނެތްކަމަށް ފާސްކުރަން ރިޔާސަތުން ހުށަހެޅުއްވުމުން، ޖަލްސާއަށް ހާޒިރުވި 75 މެންބަރުންގެ ތެރެއިން އެމްޑީޕީގެ 12 މެންބަރުން ފިޔަވައި 63 މެންބަރުން ވޯޓު ދެއްވީ އިހުސާންގެ އިތުބާރު ނެތްކަމަށް ފާސްކުރަން ނުފެންނަ ކަމަށެވެ.