ބައެއް މެމްބަރުން ވިދާޅުވަނީ ސުޕްރިމް ކޯޓު ފަނޑިޔާރުންގެ ގޮތުގައި ސިޔާސީ އެކްޓިވިސްޓުންވެސް ތިބިކަމަށް!

ބައެއް މެމްބަރުން ވިދާޅުވަނީ ސުޕްރިމް ކޯޓު ފަނޑިޔާރުންގެ ގޮތުގައި ސިޔާސީ އެކްޓިވިސްޓުންވެސް ތިބިކަމަށް!

ގުޅުންހުރި

ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރުން ވަކިކުރުމަށް ހުށަހެޅިފައިވާ އިޞްލާޙުގެ ބަހުސްގައި، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ބައެއް މެންބަރުން މިއަދު އެންމެ ބޮޑު ފާޑިއުކުމެއް އަމާޒުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދަށެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދު ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅުއްވި އިޞްލާޙަށް ބަހުސްކުރުމުގައި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ވިދާޅުވެފައިވަނީ، އެމްޑީޕީ ސަރުކާރުން ސުޕްރީމް ކޯޓަށް އެކްޓިވިސްޓުން ޢައްޔަންކޮށްފައިވާ ކަމަށެވެ. ޝަރުޢީ ދާއިރާ އިޞްލާޙުކުރުމުގެ ވާހަކަ އެމްޑީޕީގެ މެންބަރުންނަށް ނުދެއްކޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޠާރިޤު ވިދާޅުވީ، "ސުޕްރީމް ކޯޓުގެ ބެންޗުގައި އެކްޓިވިސްޓުންގެ ގޮތުގައި ބޮޑު ބަނޑާރި ހެދިގެން އުޅުނު މީހުންވެސް އެބަތިބި ވާހަކަ ފާހަގަކުރަން. އެއީކީ ސުޕްރީމް ކޯޓު އުފެއްދިއިރު މަފްހޫމް އޮތްގޮތެއް ނޫން. އެކްޓިވިސްޓުން ސުޕްރީމް ކޯޓަށް ލީމަ ދެން އަންނާނެ ނަތީޖާ މިހާރުވެސް ފެންނަ ކަމުގެ މަލާމަތި ފެންނާތީ އެ ވާހަކަ ދަންނަވާލީ."

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްވެސް ފަނޑިޔާރު ސުޢޫދަށް ފާޑުވިދާޅުވެފައިވެއެވެ. ނާޒިމްގެ މައްޗަށް ކުރީގެ ސުޕްރީމް ކޯޓުން 25 އަހަރުގެ ޖަލު ޙުކުމެއް ބޭއިންސާފުން އިއްވިއިރު، އޭނާގެ ވަކީލެއްގެ ގޮތުގައި ހުންނެވީ ސުޢޫދު ކަމަށާއި، އެހެންވެ ސުޕްރީމް ކޯޓަކުން ކަން ނުކުރަންވީ ގޮތް ސުޢޫދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. ނަމަވެސް، މިހާރު ފެނިގެންދަނީ ސިޔާސީ އޮއިވަރުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖެހިފައިވާ މަންޒަރު ކަމަށާއި، ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ ސިޔާސީ ޙުކުމްތައް ނެރެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވަނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙު ބާޠިލުކުރަން ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދާތީ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ. ނާޒިމް ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒާ މެދުވެސް ސުޕްރީމް ކޯޓުން ސުވާލު އުފައްދާފައިވާ ކަމަށެވެ.

"މިހާރު މިއޮތް ސުޕްރީމް ކޯޓުން ސުވާލު އުފެއްދި ތަން ފެނިގެންދިޔަ. އެ ސުވާލަކީ ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައި ވަނިކޮށް، އެ ދީނަކީ އިސްލާމްދީން ނޫން ކަމަށް މަޖިލީހުން ނިންމައިފި ކަމަށްވާނަމަ، ދެންވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެތޯ? އެ ބާބުގައިވެސް އެބަބުނޭ އިސްލާމްދީނާ ޚިލާފުނުވާ ގޮތުގެމަތިން ޤާނޫނު ހެދުމާއި ޤާނޫނު އިޞްލާޙުކުރުމަކީ މަޖިލީހުގެ ބާރެއް ކަމަށް،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެފަދަ ސުވާލުތައް ސުޕްރީމް ކޯޓުން އުފެއްދުމަކީ ވިސްނާލަންޖެހޭ ކަމެއް ކަމަށާއި، ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަން މިއީ އެންމެ މުނާސަބު ދަނޑިވަޅު ކަމަށެވެ. "ސިޔާސީ ވެރިން ޖަހާ ބެރުތަކަށް ނެށުމަށް ތައްޔާރަށް ތިބިކަމުގެ ސިގްނަލްތައް ދެމުންދާ ތަން ފެންނަނީ،" ނާޒިމް ވިދާޅުވިއެވެ.

ފަނޑިޔާރުންގެ ބެންޗުގެ އަދަދު ފަހަކަށް މަދުކުރަން ހުށަހެޅި ބިލުގެ ބަހުސްގައި މިއަދު ވާހަކަދައްކަވާފައިވަނީ ޕީއެންސީއަށް ނިސްބަތްވާ އެންމެ ތިން މެންބަރުންނެވެ. އެއީ ނާޒިމްގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤެވެ. މި ތިން ބޭފުޅުންވެސް ވަނީ ބިލަށް ތާއީދުކުރައްވާފައެވެ.

އެމްޑީޕީގެ ގިނަ މެންބަރުން ބަހުސްގައި ބައިވެރިވިއިރު، އެ ހުރިހާ މެންބަރުންވެސް ވަނީ ބިލާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. މެންބަރުން ވިދާޅުވި ގޮތުގައި މަޖިލިސް މެންބަރުންނާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށް ބެންޗް ބަދަލުކުރުން ވާނީ ސީދާ ނުފޫޒު ފޯރުވުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ