ދ މީދޫގެ މަގު ހެދުމުގެ މަޝްރޫއާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއު ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފި އެވެ.
ވަކި ވަކިން ހިންގާ މި ދެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރުމަށް ސޮއިކޮށްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު އެރަަށަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އޮތް ރަސްމިއްޔާތުގައި އެވެ.
އެގޮތުން މީދޫގެ މަގު ހެދުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކުރީ ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން, އާރްޑީސީ އާއި އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް، އަލީ ޒުހައިރެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، އެރަށުގެ މައި 14 މަގެއް ތަރައްގީކުރާނެ އެވެ. ރަށުގެ އެންމެ މައި ޚިދުމަތްތައް ލިބޭ ސަރަހައްދުތައް ބަލައިގެން ކުރިޔަށް ގެންދާ މި މަޝްރޫއުގައި ސްކޫލާއި، ސިއްހީ މަރުކަޒު ފަދަ އާންމުކޮށް އާންމުން ދާ މުހިންމު ސަރަހައްދުތައް ބަލައި އެ ސަރަހައްދުތަކުގެ މަގުތައް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައި އެވެ. މީގެއިތުރަށް މި މަޝްރޫއުގެ ދަށުން މީދޫގައި ހިއްކާފައިވާ ބިމާއި މިހާރު މީހުން ދިރިއުޅޭ ސަރަޙައްދާ ދެމެދު ފެންހިންދާ ނިޒާމެއް ގާއިމްކުރުމަށް ވެސް ވަނީ ނިންމާފައި އެވެ.
މީދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއި އެވެ. މި އެއްބަސްވުމުގައިވެސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ސޮއިކުރެއްވި އިރު އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) އަހްމަދު ސައުދީއެވެ.
މިރޭގެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ބަނދަރު މަޝްރޫޢު އަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެއްކަން ފާހަގަކުރައްވާފައި އެވެލ އަދި ދާދިއަވަހަށް މަސައްކަތުގެ ޢަމަލީ މަސައްކަތް ފަށާ ބާރުދުވެލީގެ މަސައްކަތް ނިންމައިދޭނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.