ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުން ކުއްލި މައްސަލަ ބޭރުކޮށްލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުން ކުއްލި މައްސަލަ ބޭރުކޮށްލައިފި

ގުޅުންހުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ. މި މައްސަލަ ބޭރުކޮށްލެވުނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވާއިދުގައިވާ ޝަރުތުތައް ފުރިހަމަނުވާތީއެވެ.

މި މައްސަލައިގެ އަސްލަކީ ވެރިކަންކުރާ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ ބިލެކެވެ. މި ބިލުގައި ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށް، ދެ ފަނޑިޔާރުން ވަކިކުރުމަށެވެ. މި ބިލު ހުށަހެޅިފައިވަނީ ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކުރި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުންދާ ދަނޑިވަޅެއްގައެވެ.

މީކާއިލް ވިދާޅުވެފައިވަނީ މި ބިލަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އަދި މި ބިލު ފާސްވެއްޖެނަމަ ގާނޫނު އަސާސީން ކަނޑައަޅާފައިވާ ތިން ބާރު ވަކިވެފައިވާ ނިޒާމު ރޫޅި، ދައުލަތުގެ ހުރިހާ ބާރެއް ސަރުކާރުގެ އަތްމައްޗަށް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަބްދުއްސައްތާރުގެ ބިލުގައި ހުށަހަޅާފައިވާ ގޮތުން، ވަކިކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅާނީ ޖުޑީޝަލް ސާވިސް ކޮމިޝަނުންނެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުންގެ ނަންތައް މަޖިލީހަށް ހުށަހަޅަންޖެހެއެވެ. މަޖިލީހުން އެ ނަންތަކާމެދު ގޮތެއް ނިންމަންޖެހެނީ ހަތް ދުވަހުގެ ތެރޭގައެވެ. އަދި ފަނޑިޔާރުން ވަކިކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ