މިއަހަރުގެ ރޯދަމަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިޔަސް، ކެޕޭސިޓީ ދަށްވެގެން ކަރަންޓު ކެނޑުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ ރޯދަމަހު ކަރަންޓު ބޭނުންކުރެވުނު އެންމެ މަތީ މިންވަރަކީ 114 މެގަވޮޓު ކަމަށާއި، ނަމަވެސް މިއަހަރު އެ އަދަދު 132 މެގަވޮޓަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ހޫނު މޫސުމަށް ތައްޔާރުވުމުގެ ގޮތުން އިތުރު 17 މެގަވޮޓުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިކަމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް މިހާރު ވަނީ ލިބިފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރިއަށް އޮތް 8 ދުވަހުގެ ތެރޭގައި 13 މެގަވޮޓުގެ 2 ޖަނަރޭޓަރު އިންސްޓޯލްކޮށް ނިންމާ، ޚިދުމަތް ދޭން ފެށޭނެ ކަމަށް ފަހުމީ ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް، ކޮންމެ އަހަރެއްގެވެސް ހޫނު މޫސުމުގައި ކަރަންޓު ބިލުތައް ބޮޑުވާ ކަމުގެ ޝަކުވާތައް އިތުރުވާކަން ފާހަގަކުރެވެއެވެ. ޚާއްސަކޮށް މިދިޔަ އަހަރުގެ ރޯދަމަހުވެސް ކަރަންޓު ބިލުތައް ބޮޑުވެގެން ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރި ކަން ފާހަގަކުރެވެއެވެ.