އަހަރެއް ނިންމާލީ ހުސްވާހަކަ ދެއްކުމުގައި، ރައީސަށް ނެންގެވެން އޮތީ ހުސް ބްލޭމް: ޖަމީލް

އަހަރެއް ނިންމާލީ ހުސްވާހަކަ ދެއްކުމުގައި، ރައީސަށް ނެންގެވެން އޮތީ ހުސް ބްލޭމް: ޖަމީލް

Author
މުޙައްމަދު ޝަޒައިމް
31 ޑިސެމްބަރ 2020 10:24
0

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ދައުރުގެ ތެރެއިން މިއަހަރު ނިމިގެންދަނީ ހުސްވާހަކަ ދައްކައި، އެއްވެސްކަމެއް ރައްޔިތުންނަށް ނުކޮށްދެވި ކަމުގައި ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

2020 ވަނަ އަހަރު ނިމި އާ އަހަރަކާއި ކުރިމަތިލާއިރު، ސަރުކާރުން އަމަލުކޮށްފައިވާ ގޮތަށް އިޝާރާތް ކުރައްވަމުން ޑރ.ޖަމީލް ވިދާޅުވީ ސަރުކާރުން މި އަހަރުގެ ތެރޭގައި ރައްޔިތުންނަށް ކޮށްދެއްވި އެއްވެސް ކަމެއް ނެތްކަމަށެވެ. މުޅި އަހަރުގެ ތެރޭގައި ޕޯޑިޔަމްތަކުގައި ހުސްވާހަކަ ދެއްކުމާއި، ރައްޔިތުންނަށް އުންމީދު ދިނުން ނޫންކަމެއް ސަރުކާރަށް ކުރެވިފައި ނުވާކަމަށެވެ.

ސަރުކާރުން ނިމިގެން މިދާ އަހަރުގައި ކޮށްފައިވާ ބައެއް ނޭއްގާނީ ކަންކަމަށް އިޝާރާތް ކުރައްވައި ޑރ.ޖަމީލް ވިދާޅުވީ މިސަރުކާރުން އެސެޓް ރިކަވަރީ ކޮމިޝަންގެ ނަމުގައި ހެދި ކޮމިޝަނުން އެއްވެސް އެއްޗެއް ރިކަވަރީއެއް ނުކުރެވުނުކަމަށެވެ. ބޮޑެތި ކުށްވެރިން އަމިއްލަ ގޭގައި ބޭތިއްބުމާއި، މަކަރާއި ހީލަތުން ހޯދިކަމަށް ބުނާ އެެއްވެސް ފައިސާއެއް، ކުރެވުނު ތަހުގީގަކުން ނިކުތް ނަތީޖާއެއް ނެތްއިރު، ކުރެވުނުވާވެސް ކަމަކީ ރައީސް ޔާމީން ޖަލަށްލައި އެމަނިކުފާނުގެ ޝަރީއަތްތައް ކުރުންކަމަށެވެ. އަދި ދައުލަތުން އެތައް ވައްކަމެއްކޮށް، އެއްވެސް ކަމެއްގައި ޤާނޫނީ ފިޔަވަޅެއް ނޭޅި އަހަރުގެ ތެރޭގައި ހިނގި ކަންކަމުގެ ޒިންމާ އުފުލުން ފިޔަވައި ރައީސަށް ލިބޭ ރީތި ނަމެއް ނެތްކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

އަހަރެއް ނިންމާލީ ސަރުކާރުން ހުސްވާހަކަދެއްކުމުގައި. އެންމެން ހާލުގައި ޖެހިއްޖެ. މަސްވެރިންނަށްވީ ވަޢުދު ފުއްދަން ދެކޮޅު. ހުޅުމާލޭގައި އެންމެ ގާކޮޅެއްވެސް އަލަށް ނުބޭއްވޭ. މުޅި ސަރުކާރުގެ ކުންފުނިތައް ބަވަނަވީ ކޮރަޕްޝަނުން. 5 އަހަރު ވެރިކަން ކުރެއްވި ވެރިއަކު ޖަލުގައި. ބޮޑު ދެ މުޖްރިމުން ގޭގައި. އެސެޓް ރިކަވަރީގެ ނަމުގައި ހެދި ކޮމިޝަނަށް އަދިވެސް އެއްވެސް އެސެޓެއް ރިކަވައެއް ނުވޭ. އެއްވެސް މަރަކަށް އިންޞާފެއް ނުލިބޭ. ރީތި ނަމުގެ ބަދަލުގައި ރައީސަށް ނެންގެވެން އޮތީ ހުސް ބްލޭމް.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

ޑރ.ޖަމީލް ވަނީ ސަރުކާރުން ކުރާ އެކި ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ޚާއްސަކޮށް ވައްކަމުގެ މައްސަލަތަކުގައާއި، ރައީސް ޔާމީންނަށް ޖަލުގައި ދެމުންދާ އަނިޔާތަކާއި ގުޅިގެން އެކަމަށް އިންސާފު ހޯދުމަށް ޖަމީލު ދަނީ އެކި ހާލަތްތަކުގައި އަޑު އުފުލަމުންނެވެ. ރައީސް ޞާލިހުއާއި، މިސަރުކާރު ވެރިކަމަށް އައީ ރައްޔިތުންނަށް އިންސާފު ގާއިމްކޮށް އަދުލުވެރި ވުމަށް ކަމަށާއި، ނަމަވެސް މިއަދު ފެނިގެންދަނީ ރައްޔިތުންނަށް ނިކަމެތިކަންދީ، ރައްޔިތުންނަށް ދެރަ ދިނުންކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.