ރަމަޟާން މަހަށް މާލޭގެ ކަރަންޓުގެ ޑިމާންޑަށް ބޭނުންވާ ތައްޔާރީތައް ވަމުންދާ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ. ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދު، ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިއަހަރުގެ ރަމަޟާން މަސް ދިމާވަނީ ހޫނު މޫސުމާއި ސްކޫލް ބަންދު ދުވަސްވަރާ އެކުގައި ކަމުން، ކަރަންޓުގެ ބޭނުންކުރުން އިންތިހާއަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ކަމަށް ތައްޔާރުވުމުގެ ގޮތުން، ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިހާރު ދަނީ ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިގޮތުން، މާލޭގެ ޑިމާންޑަށް އަމާޒުކޮށް، މިދިޔަ އަހަރުގެ މެދުތެރޭގައި އޯޑަރުކުރި ޖަނަރޭޓަރުތަކާއި، ޓްރާންސްފޯމަރުތަކާއި، ސްވިޗް ގިއަރުތަކުގެ ތެރެއިން ބައެއް ޖަނަރޭޓަރުތައް މިހާރުވަނީ ރާއްޖެ އައިއްސައެވެ.
ނާޝިދު ހާމަކުރެއްވި ގޮތުގައި، ރަމަޟާން މަހު ކަރަންޓުގެ ބޭނުންކުރުން 15 އާއި 20 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. އަދި މިދިޔަ އަހަރުގެ ރަމަޟާން މަހު ޕީކް ޑިމާންޑްގެ ގޮތުގައި ރެކޯޑުކުރެވުނު 113 މެގަވޯޓުގެ މައްޗަށް މިއަހަރު އިތުރު 15 މެގަވޯޓު އިތުރުވެ، ޖުމުލަ ޑިމާންޑް 130 މެގަވޯޓާ ހަމައަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން، އާންމު ދުވަސްތަކާ ޚިލާފަށް ރަމަޟާން މަހުގައި ރޭގަނޑު 12 އާ ހަމައަށްވެސް ކަރަންޓުގެ ބޭނުންކުރުން މަތީ މިންވަރެއްގައި ހުންނާތީ، މިކަމަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގައި 24 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށްވެސް ނާޝިދު ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ