ޕީއެންސީގެ ބޮޑު މާހެފުން ބާއްވައިފި

ޕީއެންސީގެ ބޮޑު މާހެފުން ބާއްވައިފި

Author
ހުސައިން
22 ފެބްރުއަރީ 2025 01:50
0

ވެރިކަން ކުރާ ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ފަރާތުން އިންތިޒާމްކޮށްގެން، ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް މިރޭ އާޓިފިޝަލް ބީޗުގައި ބޮޑު މާހެފުމެއް ބާއްވައިފިއެވެ. މި މާހެފުމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އިތުރުން ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން، ހުރާ ދާއިރާގެ ޕީއެންސީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެފައިވަނީ ރަމަޟާން މަހަކީ އެހެން މަސްތަކާއި އަޅާބަލާއިރު ގިނަ ސަވާބާއި ދަރުމަ ލިބޭ މަހެއްކަމަށާއި، އެހެންކަމުން ކޮންމެ ދުވަހަކު ވެސް ހިފާ ރޯދަ އެންމެ ފުރިހަމަ ގޮތުގައި ހިފުން މުހިންމުކަމުގައެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ރަމަޟާން މަހާ ދިމާވާއިރު، ނޫސްތަކާއި ޓީވީތަކާއި ސޯޝަލް މީޑިއާގައި ދޮގު ޚަބަރު ފެތުރުމާއި ފިތުނަ ފަސާދަ އުފެދޭ ވާހަކަތައް ދެއްކުން ހުއްޓާލަން ޖެހޭކަމަށާއި، ހުރިހާ އެންމެން ވެސް ގައުމުގައި އޮތް ހަމަޖެހުމަށް އިސްކަންދީ، ހަމަނުޖެހުން ނަގާލަން މަސައްކަތް ނުކުރުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ޕީއެންސީގެ މި މާހެފުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ކުރިން އޮތްނަމަވެސް، ރަސްމީ ޝެޑިއުލްއަށް އައި ބަދަލަކާ ގުޅިގެން އެމަނިކުފާނު ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.