ދޫކޮށްފައިވާ ހުއްދައާ ހިލާފަށް ރާއްޖެއިން ބޭރުގައި ހިންގާ ކޯސްތަކުގެ ސަނަދު ބަލައެއް ނުގަންނާނެ: އެމްކިއުއޭ

ދޫކޮށްފައިވާ ހުއްދައާ ހިލާފަށް ރާއްޖެއިން ބޭރުގައި ހިންގާ ކޯސްތަކުގެ ސަނަދު ބަލައެއް ނުގަންނާނެ: އެމްކިއުއޭ

އެ އޮތޯރިޓީން ރާއްޖޭގައި ކޯސް ހިންގުމަށް ދޫކޮށްފައިވާ ހުއްދައާ ހިލާފަށް ރާއްޖެއިން ބޭރުގެ ބައެއް މަރުކަޒުތަކުގައި އެ ކޯސްތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާތީ، އެފަދަ ކޯސްތަކުގެ ސަނަދުތައް ގަބޫލެއް ނުކުރާނެކަމަށް އެމްކިއުއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެއްޖެއެވެ.

އެމްކިއުއޭއިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެ އޮތޯރިޓީން ގަބޫލުނުކުރާ ބޭރުގެ ބައެއް މަރުކަޒުތަކުގައި ހިންގައި، އިޝްތިހާރުކޮށް އަދި ސަނަދު ވެސް ދޫކުރަމުންދާކަމުގެ މައުލޫމާތު ރާއްޖެއިން ބޭރުގެ ކަމާ ގުޅުންހުރި އިދާރާތަކުން ހިއްސާކޮށްފައިވާކަމަށް އެ އޮތޯރިޓީން ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެފަދަ މަރުކަޒުތަކުން ދޫކުރާ ސަނަދުތައް ގަބޫލުނުކުރާނެކަމަށާއި، އެކަމާ ގުޅިގެން ދަރިވަރުންނަށް ލިބޭ ގެއްލުންތަކުގެ ޒިންމާ ނުނަގާނެކަން ދަރިވަރުންގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.

މީގެއިތުރުން، މަތީ ތައުލީމުދޭ މަރުކަޒުތަކުން ރާއްޖެއިން ބޭރުގައި ޕްރޮގްރާމްތައް ހިންގުމަކީ ރާއްޖޭގެ މަތީ ތައުލީމަށް ލިބޭ ކުރިއެރުމެއްކަމަށް އެމްކިއުއޭއިން ފާހަގަކުރައްވައި، އެކަމާ ގުޅޭ އުސޫލެއް އެކުލަވާލައި އާންމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާ ގޮތާ އެއްގޮތަށް ޕްރޮގްރާމްތައް ހިންގުމަކީ އެ އޮތޯރިޓީގެ ވަރަށް ބޮޑު އެދުމެއްކަމުގައި ވެސް ފާހަގަކުރައްވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *