އެމް.ކިއު.އޭ އިން މިއަދު ހާމަކުރި މަޢުލޫމާތުގައި، ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ރާއްޖެއިން ބޭރުގައި ޕްރޮގްރާމްތައް ހިންގުމުގެ އުސޫލު އެކުލަވާލަމުންދާ ކަމަށް ބުނެފައިވެއެވެ. އެ އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ބައެއް ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި އިޝްތިހާރުކޮށް، ހިންގައި އަދި ސަނަދު ދީފައިވާކަމުގެ މަޢުލޫމާތު ރާއްޖެއިން ބޭރުގެ ކަމާބެހޭ އިދާރާތަކުން ހިއްސާކޮށްފައިވާކަން އެމް.ކިއު.އޭ އިން ފާހަގަކޮށްފައިވެއެވެ.
އެމް.ކިއު.އޭ އިން ފާހަގަކުރި ގޮތުގައި، އެ އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމްތައް ހިންގާފައިވަނީ އެ އޮތޯރިޓީން ޤަބޫލުނުކުރާ ރާއްޖެއިން ބޭރުގެ މަރުކަޒުތަކުގައެވެ. އަދި އޮތޯރިޓީން މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް ޕްރޮގްރާމް އެކްރެޑިޓޭޝަން ހުއްދަ ދީފައިވަނީ ހަމައެކަނި ރާއްޖޭގައި ހިންގުމަށް ކަމަށް ބުނެފައިވެއެވެ.
އެމް.ކިއު.އޭ އިން އިތުރަށް ބަޔާންކުރި ގޮތުގައި، އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެ އޮތޯރިޓީގެ ހުއްދައާ ނުލައި ރާއްޖެއިން ބޭރުގައި ހިންގައި، ދަރިވަރުންނަށް ދެވޭ ސަނަދުތައް ޤަބޫލެއް ނުކުރެވޭނެއެވެ. މިފަދަ ގޮތަކަށް ސަނަދު ދިނުމުގެ ސަބަބުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް ގިނަ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، މި ގެއްލުމުގެ ޒިންމާ އެމް.ކިއު.އޭ އިން ނުނަގާނެކަން ވެސް ސާފުކޮށްދީފައިވެއެވެ.
ނަމަވެސް، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ރާއްޖެއިން ބޭރުގައި ޕްރޮގްރާމްތައް ހިންގުމަކީ ރާއްޖޭގެ މަތީ ތަޢުލީމަށް ލިބޭ ކުރިއެރުމެއްކަމަށް އެމް.ކިއު.އޭ އިން ދެކޭކަމަށް ބުނެފައިވެއެވެ. އަދި މިކަމާ ގުޅުންހުރި އުޞޫލެއް އެކުލަވާލައި އާންމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާ ގޮތާ އެއްގޮތަށް ޕްރޮގްރާމްތައް ހިންގުމަށް މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް އިލްތިމާސްކޮށްފައިވެއެވެ.