ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުން ކްރިމިނަލް ކޯޓުގެ އޮންލައިން ޝަރީއަތްތައް މިވަނީ ހުއްޓުމަކަށް އައިސްފައެވެ. ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އޮންލައިންކޮށް ކުރިއަށްގެންދާ އެންމެހާ ޝަރީއަތްތައް ވަނީ ހުއްޓިފައެވެ.
ކޯޓުގެ ޖާގައިގެ ދަތިކަމާ ގުޅިގެން މިހާރުވެސް ދަށު ކޯޓުތަކުގެ 80 ޕަސެންޓް މައްސަލަތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. މީގެ ތެރޭގައި ބަންދުގައި ތިބޭ މީހުންނާއި ރަށްރަށުގައި ތިބޭ ހެކިވެރިންގެ މައްސަލަތައް ހިމެނެއެވެ. އެހެންނަމަވެސް ސާވާގެ މައްސަލައާ ގުޅިގެން އިންޓަނެޓާއި ނެޓްވޯކް އަދި ފޯނު ލައިންތައް ކެނޑިފައިވާތީ، މި މަސައްކަތްތަކަށް ވަނީ ބޮޑު ހުރަހެއް ކުރިމަތިވެފައެވެ.
މި ހާލަތާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ހަމައެކަނި މީހުން ހާޒިރުކޮށްގެން ބާއްވާ ޝަރީއަތްތަކެވެ. އާންމުގޮތެއްގައި އޮންލައިންކޮށް ކުރިއަށް ގެންދާ ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުންތައް ވެސް މިއަދު ކުރިއަށް ގެންދާނީ މީހުން ކޯޓަށް ހާޒިރުކޮށްގެންނެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު ގިނަ ކޯޓުތަކެއްގެ އަޑުއެހުންތައް ވަނީ އޮންލައިންކޮށް ބޭއްވުމަށް ފަށާފައެވެ. ނަމަވެސް ބައެއް މައްސަލަތަކުގެ އަޑުއެހުންތައް ކޮންމެހެން މީހުން ހާޒިރުކޮށްގެން ކުރިއަށް ގެންދަން ޖެހެއެވެ. މިހާރު ކްރިމިނަލް ކޯޓު ހިންގަމުންދާ އެސްޓީއޯގެ ކުރީގެ އިމާރާތް ބާވެ، އިމާރާތުގެ ބައެއް ބޭނުންކުރުން ހުއްޓާލަން ޖެހުމާ ގުޅިގެން ކޯޓަށް ވަނީ ޖާގައިގެ ދަތިކަން ކުރިމަތިވެފައެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި ކުރިން ހިންގި ކޮވިޑް ފެސިލިޓީއަށް ކޯޓުގެ މަސައްކަތްތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.