ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވާފައިވާ ބްރޫނާއި، ލަކްސަމްބާގް، ނެދަލޭންޑްސް، ފްރާންސް އަދި އޮސްޓްރޭލިއާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުންގެ ނަންތައް ދިރާސާ ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ޑރ. މަރްޔަމް ޝަބީނާ އަޙްމަދު ވަނީ ބްރޫނާއިއަށް ނޮން-ރެސިޑެންޓް ހައި ކޮމިޝަނަރުކަމަށް ހުށަހަޅުއްވާފައެވެ. އަދި ބެލްޖިއަމްއާއި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ ޢަލީ ވަނީ ލަކްސަމްބާގްއާއި ނެދަލޭންޑްސްއަށް ނޮން-ރެސިޑެންޓް ސަފީރުކަމަށް ހުށަހަޅުއްވާފައެވެ.
ފްރާންސްއަށް ނޮން-ރެސިޑެންޓް ސަފީރުކަމަށް ރައީސް ވަނީ ޔުނައިޓެޑް ކިންގްޑަމްއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު އިރުތިޝާމް އާދަމް ހޮއްވަވާފައެވެ. އަދި ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު މުޙައްމަދު ލުވެއިޒް ވަނީ އޮސްޓްރޭލިއާގެ ނޮން-ރެސިޑެންޓް ހައި ކޮމިޝަނަރުކަމަށް ހުށަހަޅުއްވާފައެވެ.
ފޮރިން ސަރވިސް ޤާނޫނުގެ ދަށުން، ރާއްޖެއިން ބޭރުގެ މިޝަންތަކަށް ސަފީރުންނާއި ހައި ކޮމިޝަނަރުން އައްޔަންކުރެއްވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަކީ ލާޒިމްކަމެކެވެ. މި ނަންތައް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމަށް ފޮނުވާނެއެވެ.
ކޮމެންޓު ފޮނުވާ