ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޅ.އަތޮޅުގެ ހިންނަވަރާއި ނައިފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ވަނީ ހައްޔަރުކުރެވިފައެވެ. މި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޅ. އަތޮޅު ފުލުހުން ގުޅިގެންނެވެ.
ހިންނަވަރުގައި ހިންގުނު އޮޕަރޭޝަނުގައި ހައްޔަރުކުރެވުނީ މ.ނަލަހިޔާމަންޒިލް، މާލޭގެ ހަސަން މުނާޒް (40އ) އެވެ. ހުކުރު ދުވަހު ހިންގުނު މި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، ހިންނަވަރުގައި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރުމުން ވަނީ 66.02 ގުރާމްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްސާއި ފައިސާ ފެނިފައެވެ.
ހަމަ އެދުވަހު ނައިފަރުގައި ހިންގުނު އޮޕަރޭޝަންތަކުގައި ނައިފަރު ނަގިލިޖެހިގޭ ޢަލީ މުޙައްމަދުފުޅު (54އ) އާއި ނައިފަރު ޑޭޒީހިޔާގެ އަޙްމަދު ވިއާމް (26އ) ވަނީ ހައްޔަރުކުރެވިފައެވެ. ޢަލީ މުޙައްމަދުފުޅު ހައްޔަރުކޮށް، އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ ދެ ތަނެއް ބަލައި ފާސްކުރުމުން ފަސް ދަޅު ބަނގުރާ ފެނުނު އިރު، އަޙްމަދު ވިއާމްގެ ގެއިން 12 ގުރާމްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ވަނީ ފެނިފައެވެ.
މި މައްސަލަތަކާ ގުޅިގެން ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަސަން މުނާޒް 15 ދުވަހަށް ބަންދުކުރުމަށާއި، ޢަލީ މުޙައްމަދުފުޅު ފުރަތަމަ ދެ ދުވަހަށް އަދި ދެވަނަ ފަހަރު ފަސް ދުވަހަށް ބަންދުކުރުމަށާއި، އަޙްމަދު ވިއާމް 12 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މި މައްސަލަތައް ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.