އުމުރުން 18 އަހަރު ނުވާ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތަޙުޤީޤު ފަށާފައިވާކަން ފުލުހުން މިއަދު ހާމަކޮށްފިއެވެ. މިކަން ހިނގާފައިވަނީ ނޯތު ޕޮލިސް (ނ، ރ، ބ، ޅ) ސަރަޙައްދުގެ ރަށެއްގައެވެ.
ފުލުހުން ދިން މަޢުލޫމާތުގައިވާ ގޮތުން، މި ޖިންސީ ގޯނާގެ މައްސަލައިގައި ތުހުމަތުކުރެވެނީ އިތުބާރުކުރެވޭ ފަދަ މަޤާމެއްގައި ތިބި ދެ މީހެއްގެ މައްޗަށެވެ. އަދި މި ދެމީހުން އެ ކުއްޖާއަށް ގޯނާކުރާތާ ތިން އަހަރު ވެފައިވާކަން ހުށަހެޅުނު މައްސަލައިން ފާހަގަކުރެވޭކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ އެ ޚިދުމަތުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެވެ. އަދި ކުޑަކުއްޖެއްގެ މަޢުލޫމާތު ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާ ނިސްބަތްވާ އަތޮޅާއި ރަށް ހާމަނުކުރުމަށް ނިންމާފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.