މަގުމަތީ ހުރި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހާ ޒަހަމްކޮށްލި މީހާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.
މަގުމަތީ ހުރި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހާ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރު ކުރީ ޏ. ފުވައްމުލަކު ދިގުވާނޑު، ބަނަފްސާގޭ އުމުރުން 31 އަހަރުގެ ހުސައިން އަރީޝްއެވެ. އޭނާއަކީ މީގެ ކުރިން އެކި މައްސަލަތަކުގައި 26 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުންވަނީ ބުނެފަ އެވެ.
މި މަހުގެ 4 ވަނަ ދުވަހުގެ ރޭ، އައިޖީއެމްއެޗު ކައިރީގައި ހުރި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހާފައިވަނީ ސައިކަލެއްގައި ދިޔަ ދެ މީހުންކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މީހާގެ ބޮލުގައި ޖެހީ ސައިކަލްގެ ފަހަތުގައި އިން މީހާކަމަށްވާ އަރީޝް އެވެ.
އޭނާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނަގާފައި ވަނިކޮށް އޭނާ ފިލައިގެން މެލޭޝިޔާއަށް ދިޔަކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އެގައުމަށް އޭނާ ވަނުން ހުއްޓުވައި އެހެން ފްލައިޓެއްގައި ރާއްޖެ ގެނައުމަށް ފަހު އެއާޕޯޓުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މީހަކީ ކުރިން ވެސް އެކި ބާވަތުގެ ގިނަ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އޭގެ ތެރޭގައި މާރާމާރީގެ 15 މައްސަލައާއި، މަސްތުވާތަކެތީގެ ހަ މައްސަލައާއި، މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ ތިން މައްސަލައާއި، އަދި ތޫނު ހަތިޔާރު ގެންގުޅުމުގެ ދެ މައްސަލަ ހިމެނެއެވެ. މި ހަމަލާގައި ޒަހަމްކޮށްލި މީހާއަށް އައިޖީއެމްޗްގައި ވަނީ ފަރުވާ ދީފައި އެވެ.
ކޮމެންޓު ފޮނުވާ