ދިގު މުއްދަތެއް ވަންދެން މަރާމާތު ނުކުރެވި ހުރި ސަލްޓަން ޕާކާއި ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ދަނީ ކުރިޔަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ. މާލޭ ސިޓީ ކައުންސިލުން މިކަން ހާމަކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ދެ ތަނުގެ ހާލަތު ބެއްލެވުމަށް މިއަދު ކުރެއްވި ޒިޔާރަތަށްފަހު އެކްސް ޕޯސްޓަށް ރައްދު ދެމުންނެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، މި ދެ ތަނުގެ ހާލަތު ވަނީ ވީރާނާވެފައެވެ. ތޮއްޖެހިފައިވާ މާލޭގައި ރައްޔިތުންނަށް އުފަލާއި ހިތްހަމަޖެހުން ލިބިދޭ މި ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސް، ކުރިއަށްވުރެ ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.
ރައީސް މުއިއްޒުގެ އެކްސް ޕޯސްޓަށްފަހު މާލެ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި، 2016 ވަނަ އަހަރު ހުޅުވުނު ސަލްޓަން ޕާކުގެ ހާލަތު ދެނެގަތުމަށް ހާއްސަ ދިރާސާއެއް ހަދައި، އެތަން އާބާތުރަ ފިލުވައިދޭނެ ފަރާތެއް ހޯދުމަށް ވަނީ އިޢުލާނު ކުރެވިފައެވެ. ހުޅުވުނު ފަހުން އެއްވެސް މަރާމާތެއް ނުކުރެވި، އެތަނުގައި ހުރި އިމާރާތްތަކާއި ވަސީލަތްތައް ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައިވާކަން ވެސް ފާހަގަކޮށްފައި ވެއެވެ.
ރަސްފަންނުގެ މަރާމާތާ ގުޅޭ ގޮތުން، އެތަނުގެ ވެލިގަނޑު ރަނގަޅުކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހުއްދަ ލިބި، އަންނަ ހަފްތާގެ ތެރޭގައި ކޮންޓްރެކްޓަރު ޗަކަ ނަގައި މަސައްކަތް ފަށާނެ ކަމަށް ކައުންސިލުން ހާމަކުރިއެވެ. އަދި ކުރިން ރަސްފަންނު ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރުމުގެ ސަބަބުން، އެ ފަރާތާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، މީގެ ފަހުން ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދާނީ ސީދާ ކައުންސިލުން ކަމަށްވެސް ހާމަކުރެއްވިއެވެ.
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މި ދެ ތަން އެކަށީގެންވާ ގޮތެއްގައި ބަލަހައްޓަމުން ނުދާކަމުގެ ޝަކުވާ ގިނަ އާންމުން ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.