ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، އެ ޕާޓީގެ ދަފްތަރު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް އަންގަވާއިފިއެވެ. ރައީސް މިގޮތަށް އަންގަވާފައިވަނީ އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތު މިދިޔަ ފެބްރުއަރީ 10 ވަނަ ދުވަހުގެ 15:00 ގައި ހަމަވުމާ ގުޅިގެންނެވެ.
ޕީއެންސީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ "މެމްބަރޝިޕް ޑްރައިވް" އާ ގުޅިގެން، ޕާޓީގެ ދަފްތަރާމެދު ބައެއް ޝަކުވާތައް އާންމުންގެ ފަރާތުން އުފެދިފައިވެއެވެ. މީގެ ތެރޭގައި ވަގު ފޯމު ހުށަހެޅިކަމުގެ މައްސަލަތައް ވެސް ހިމެނެއެވެ. މި ދަނޑިވަޅުގައި، އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކަށް "ސިމެދަ" ޕޯޓަލް މެދުވެރިކޮށް މެމްބަރުން ވެއްދުމާބެހޭ އައު ގަވާއިދެއް ގެޒެޓްކޮށްފައެވެ.
މި މައްސަލަތަކާ ގުޅިގެން، ޕީއެންސީން ވަނީ އެ ޕާޓީގެ މެމްބަރޝިޕާ ގުޅޭ ޝަކުވާތައް ހުށަހެޅުމަށް އާންމުންނަށް ހުޅުވާލާފައެވެ. މިގޮތުން، އޭޕްރިލް 13 ވަނަ ދުވަހުގެ 15:00 ގެ ކުރިން، ޕާޓީގެ މައި އިދާރާއަށް ނުވަތަ ރަށްރަށުގައި ހުރި ޕާޓީގެ ސްޓިއަރިން ކޮމިޓީތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިއީ ޕާޓީގެ ދަފްތަރުގައި ހިމެނޭ ނުވަތަ ނުހިމެނޭ މެމްބަރުންނާ ގުޅޭ އެންމެހައި ޝަކުވާތަކަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.