ފަލަސްޠީނުގެ ރައްޔިތުންނަށް ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން ގޮވާލައިފި

ފަލަސްޠީނުގެ ރައްޔިތުންނަށް ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން ގޮވާލައިފި

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި، ފަލަސްޠީނުގެ ރައްޔިތުންނަށް ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ. އެގޮތުން އިޒްރޭލުން ހުށަހެޅި ކަންކަމާ ދެކޮޅަށް ވޯޓުދިނުމާއެކު، ފަލަސްޠީނުން ހުށަހެޅި ކަންކަން ކުރިއަށް ގެންދިއުމަށް ރާއްޖެއިން ވަނީ ތާއީދުކޮށްފައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ ސިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޡިމް އިބްރާހީމެވެ. ދިވެހި ވަފުދުން ވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ޤައުމުތަކުގެ ތައްޔާރީތައް އިތުރުކުރުމާއި، ޔުނިވަރސަލް ހެލްތު ކަވަރޭޖް ފުޅާކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ސިއްޙަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، އަންހެނުންނާއި ކުޑަކުދިންގެ ސިއްޙަތާ ގުޅޭ ކަންކަމަށް އަހައްމިއްޔަތުކަން ދިނުމަށް ގޮވާލައިފައެވެ.

ބައްދަލުވުމުގެ ތެރޭގައި ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި ބުރޫނާއި، ސައުތު ކޮރެއާ، ޤަތަރު އަދި ތައިލެންޑާއެކު ވަކިވަކި ބައްދަލުވުންތަކެއް ބޭއްވުނެވެ. މި ބައްދަލުވުންތަކުގައި ސިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، އާންމު ސިއްޙަތު ރައްކާތެރިކުރުމާއި، ޕްރައިމަރީ ހެލްތުކެއަރ ހަރުދަނާކުރުމާއި، ޕޯސްޓް ގްރެޖުއޭޓް ސީޓުތައް ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ޚާއްޞަކޮށް ތައިލެންޑާއި ޤަތަރާއެކު އައު އެއްބަސްވުންތަކެއްގައި ސޮއިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މީގެއިތުރުން، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސްއާ ބައްދަލުކޮށް، ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ހުއްޓުވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ފާހަގަކުރިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *