ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މި މަހުގެ ނިޔަލަށް ނިންމާލަން އިސްލާހު ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މި މަހުގެ ނިޔަލަށް ނިންމާލަން އިސްލާހު ހުށަހަޅައިފި

Author
ހުސެއިން
12 ފެބްރުއަރީ 2025 03:48
0

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މި މަހުގެ ނިޔަލަށް ނިންމާލުމަށް މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުﷲ ރިފާޢު އިސްލާހެއް ހުށަހަޅުއްވައިފިއެވެ. މަޖިލީހުގެ ގަވާއިދަށް ހުށަހަޅުއްވާފައިވާ މި އިސްލާހުގައި މަޖިލީހުގެ ދައުރުތައް އަލުން އިންތިޒާމުކުރައްވާފައިވާ ގޮތް ވަނީ ތަފްސީލުކޮށް ބަޔާންކުރައްވާފައެވެ.

އިސްލާހުގައި ބަޔާންކުރައްވާފައިވާ ގޮތުން، ކުރިއަށް އޮތް އަހަރުތަކުގައި މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން އެ މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ އޭޕްރިލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މެންބަރު ރިފާޢު ހުށަހަޅުއްވާފައިވާ މި އިސްލާހުގައި، މިއަހަރުގެ ފުރަތަމަ ދައުރު އިސްތިސްނާ ކުރައްވާފައިވެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ނިޔަލަށެވެ. މިހާރު މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން، އަހަރުގެ ފުރަތަމަ ދައުރު ހިނގަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި 15ގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގަނީ ޖޫން އެކަކުން އޮގަސްޓު 15ގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގަނީ އޮކްޓޯބަރު އެކަކުން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މި އިސްލާހު ފާސްވެއްޖެނަމަ، 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރު ހިނގާނީ އެ އަހަރުގެ ފެބްރުވަރީ މަހުގެ ނިޔަލަށެވެ. އަދި އޭގެ ފަހުން އަންނަ ދައުރުތައް ހިނގާނީ އައު އިސްލާހުގައިވާ ގޮތުގެ މަތިންނެވެ. މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށިފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އަދި މި އިސްލާހު ހުށަހަޅުއްވާފައިވަނީ އަންނަ މާޗު މަހަކީ ރަމަޟާން މަސް ކަމަށްވާތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.