ގޭންގު މާރާމާރީއާއި ބޮޑެތި ކުށްތަކުގައި ޝަރުއީ ނިޒާމާއި ޕޮލިސް ސަރވިސްގެ ބައެއް ފަރާތްތަކާ ގުޅިލާމެހިފައިވާކަމަށް ހުޅުމާލޭ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު ވިދާޅުވެއްޖެއެވެ.
މެންބަރު ފާހަގަކުރެއްވި ގޮތުގައި މި ކުޑަކުޑަ ގައުމުގައި، ޚާއްޞަކޮށް މާލޭ ސަރަހައްދުގައި ގޭންގު މާރާމާރީތައް ހިންގުމަށް އޮޕަރޭޓްކުރާ ޖަމާއަތްތައް އުފެދިގެން އަންނަ ގޮތާއި، އެފަދަ ކުށްތަކުގެ ނެޓްވޯކް ގުޅިފައިވާ ގޮތް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކި ދިމަދިމާލުން އިވޭ އަޑުތަކަށް ބަލާއިރު، މިފަދަ ކުށްތައް ކުރުމުގައި ދައުލަތުގެ އިސް މުއައްސަސާތަކާ ގުޅުންހުރި ކަންކަން ހުރި ކަމަށް މެންބަރު ވިދާޅުވިއެވެ.
ކުށުގެ ވެށިން ރައްޔިތުން ސަލާމަތްކޮށް، އެމީހުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމަށް އުފައްދާފައިވާ އެންމެ މުހިންމު މުއައްސަސާއަކީ މޯލްޑިވްސް ޕޮލިސް ސަރވިސް ކަމަށް ފާހަގަކުރައްވަމުން، މެންބަރު ވިދާޅުވީ ގޭންގުތަކުގައި ބައިވެރިވާ ފަރާތްތަކާއި ވަކި ފަރުދުންތަކެއް ޝަރުއީ ނިޒާމާއި ފުލުހުންގެ ނިޒާމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމަށެވެ.
ކުށުގެ ވެށި ރައްކާތެރިކޮށް އާންމު ރައްޔިތުން ހިމާޔަތްކޮށް، އާންމު ރައްޔިތުންގެ ފުރާނަޔާއި މުދަލާ އަމާންވެއްޓެއްގައި ދިރިއުޅުން ޤާއިމުކޮށްދިނުމަށްޓަކައި ޤާއިމުކޮށްފައިވާ އެންމެ ހަރުދަނާ އެއް މުވައްސަސާއަކީ މޯލްޑިވްސް ޕޮލިސް ސާވިސް. އަޅުގަނޑުމެންނަށް އިވޭ އަޑުތަކަށް ރިޔާއަތްކުރާނަމަ މިއެނގެނީ އާންމުކޮށް މިފަދަ ފަރާތްތައް، ގޭންގަށް ނޫނީ ގޭންގުގައި ބައިވެރިވާ ފަރާތްތައް ނޫނީ އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ވަކި ފަރުދުން އާންމުކޮށް ޝަރުއީ ނިޒާމާ ޕޮލިހުންގެ ނިޒާމާ ވަރަށް ބޮޑަށް ގުޅިލާމެހިފައި އޮންނަކަން.
ހުސައިން ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން މެންބަރު ވަނީ އޭލެވެލް ކިޔަވާ ކުޑަކުދިން ކުށުގެ ވެއްޓަށް ހުށަހެޅިގެންދާ މައްސަލައަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ވަރަށް ގިނަ ފަރާތްތަކުން އެމީހުންގެ އަމިއްލަ ވިޔަފާރިތަކަށް މި ކުދިން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ. ތަންފީޒީ އިދާރާތަކުގެ އިހުމާލުގެ ސަބަބުން ދުވަހެއް ދުވަހަކަށް ކުށުގެ ވެއްޓަށް ހުށަހެޅޭ ޒުވާނުންގެ އަދަދު އިތުރުވަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް މެންބަރު ވިދާޅުވިއެވެ.
ނިންމާލައްވަމުން މެންބަރު ވިދާޅުވީ މާދަމާ ގައުމުގެ ޒިންމާ އުފުލަން ތިބި ޒުވާނުން މިހާރު ފެންނަމުންދަނީ އާވާރާވެ، މަސްތުވާތަކެތީގެ ވަބާގައި ޣަރަޤުވެފައިވާ ތަން ކަމަށެވެ.