ގޭންގު ކުށްތަކާ ގުޅޭ އައު ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ބަލައިގެންފިއެވެ. އަދި ބިލުވަނީ ކޮމިޓީއަަށް ފޮނުވާފައެވެ. "ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު" މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިނެވެ.
މި ބިލު ބަލައިގަތުމަށް މިއަދު ނެގުނު ވޯޓުގައި 42 މެންބަރުން ވަނީ އެއްބަސްވެފައެވެ. އެއަށްފަހު، އިތުރަށް ދިރާސާކުރުމަށްޓަކައި މި ބިލު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާ ނުރައްކާތެރި އަދި ބޮޑެތި ކުށްތަކުން މުޖުތަމަޢު ރައްކާތެރިކުރުމެވެ. އަދި މިފަދަ ކުށްތަކާ ގުޅޭ ތަފްސީލީ ޤާނޫނީ އޮނިގަނޑެއް އެކުލަވާލައި، އަދަބު ހަރުދަނާކަމާއެކު ތަންފީޒުކުރުމެވެ.
މި ބިލުގައި އިންތިޒާމްވެގެން ކުރާ ބޮޑެތި ކުށްތަކުގެ ގޮތުގައި ބަޔާންކޮށްފައިވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމާއި، މީހުން ޓްރެފިކްކުރުމާއި، ރާއްޖެއަށް ގެނައުން މަނާ ތަކެތިން ވިޔަފާރިކުރުމާއި، ވަގު ފައިސާ އުފެއްދުމާއި، މީހުން މެރުމާއި މާރާމާރީ ހިންގުމާއި، ޖިސްމާނީ އަނިޔާ ދިނުމާއި، ކިޑްނެޕްކުރުމާއި، ބިރުދެއްކުން ފަދަ ނުރައްކާތެރި ކުށްތަކެވެ. މީގެ އިތުރުން، އަނިޔާވެރި ކުށްތަކުގެ ތެރެއިން 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލު އަދަބު ކަނޑައެޅިފައިވާ ހުރިހާ ކުށެއް މީގެ ތެރޭގައި ހިމެނެއެވެ.
މި ޤާނޫނުގެ ދަށުން ކުށްކުރާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޚާއްސަ ބާރުތަކެއް ލިބިގެންދާނެއެވެ. އަދި ކުށްކުރާ ފަރާތްތައް ކުށުގެ ވެށިން ދުރުކޮށް، މުޖުތަމަޢުއަށް އަނބުރާ ގެނައުމަށް މަގުފަހިކޮށްދިނުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައެޅިގެންދާނެއެވެ. މީގެ އިތުރުން، ކުށްވެރިންގެ ހަރަކާތްތައް ބެލެހެއްޓުމަށް ޚާއްސަ މޮނިޓަރިންގ ނިޒާމެއްވެސް ޤާއިމުކުރެވޭނެއެވެ.
މި ބިލު ޤާނޫނަކަށް ވުމާއެކު، މިހާރު ޢަމަލުކުރަމުންދާ "ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ޤާނޫނު" އަދި "ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު ހަތިޔާރު ގެންގުޅުން މަނާކުރާ ޤާނޫނު" އުވިގެންދާނެއެވެ.