ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުމަށް ހުށަހެޅި ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހު ބަލައިގަނެފައެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ.
މި ބިލު ބަލައިގަތުމަށް މަޖިލީހުގެ ތަޅުމުން ނެގުނު ވޯޓުގައި 59 މެންބަރުން ވޯޓު ދެއްވުމާއެކު، މި ބިލު ދިރާސާކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ވަނީ ފޮނުވިފައެވެ. މި އިސްލާހުގައި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރައާއި ރޯދަމަހުގެ އެލަވަންސް ނެޝަނަލް ޕޭ ކޮމިޝަނުގެ ތެރެއިން ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ.
އަދި މީގެ އިތުރުން، ސަރުކާރުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ 5 އިންސައްތަ އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޚާއްސަކުރަން ޖެހޭނެއެވެ. މި ގޮތުން، ފުރަތަމަ ދެ ކުއާޓަރުގައި ހިންގުމަށް ރޭވިފައިވާ ހަރަކާތްތަކަށް ބޭނުންވާ ފައިސާ، ކައުންސިލަށް ފައިސާ ލިބޭތާ 30 ދުވަހުގެ ތެރޭގައި ކޮމިޓީއާ ހަވާލުކުރަންޖެހޭނެއެވެ. އަދި ބާކީ ފައިސާ ހަވާލުކުރެވޭނީ އެލްޖީއޭއިން އެކުލަވާލާ ގަވާއިދެއްގެ ދަށުންނެވެ. މި އިސްލާހުގެ މައިގަނޑު މަޤްސަދަކީ އަންހެނުންގެ ކޮމިޓީތައް މާލީގޮތުން ބާރުވެރިކުރުވުމެވެ.