މިއަދު ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން އާންމުކުރި ކޮރަޕްޝަން އިންޑެކްސް ޕާސެޕްޝަންގައި ދިވެހިރާއްޖެ ތިން ދަރަޖަ ފަހަތަށް ވެއްޓިފައެވެ. މިގޮތުން، 2024 ވަނަ އަހަރުގެ އިންޑެކްސްގައި ރާއްޖެއަށް ލިބުނީ 38 ޕޮއިންޓެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އެއް ޕޮއިންޓް ދަށް އަދަދެކެވެ. މިހާރު ރާއްޖެ އޮތީ 96 ވަނައިގައެވެ. މިއީ 2023 ވަނަ އަހަރު ރާއްޖެ އޮތް 93 ވަނައާ އަޅާބަލާއިރު ތިން ދަރަޖަ ފަހަތަށް ދިއުމެކެވެ.
ދެކުނު އޭޝިއާގެ ސަރަހައްދަށް ބަލާއިރު، އިންޑިއާއަށްވެސް ލިބިފައިވަނީ ރާއްޖެއާ އެއްވަރަށް 38 ޕޮއިންޓެވެ. އެހެންކަމުން އިންޑިއާވެސް މިވަގުތު ވަނީ ރާއްޖެއާ އެއް ހަރުފަތެއްގައި، 96 ވަނައިގައެވެ.
ނަމަވެސް، ރާއްޖޭގެ މި ދަށްވުމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މި ސަރުކާރުން ކޮރަޕްޝަނަށް ޖާގައެއް ނުދޭނެ ކަމަށެވެ. އަދި މިކަމުގެ ހެއްކެއްގެ ގޮތުން، މި ސަރުކާރުން ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލިފައިވާ ހަތަރު މީހުންނާއެކު ވެފައިވާ އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް އުވާލާފައެވެ.