އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސައުދީ އަރަބިއްޔާގެ ބިމުގައި ފަލަސްތީނުގެ ދައުލަތެއް ގާއިމްކުރުމަށް ގޮވާލުމާ ގުޅިގެން ދިވެހި ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ޚާރިޖީ ވުޒާރާއިން ނެރުނު ނޫސް ބަޔާނުގައި ނަތަންޔާހޫގެ ޒިންމާދާރުކަން ކުޑަ އަދި ނަފުރަތު އުފެދޭ ވާހަކަތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.
ދިވެހި ސަރުކާރުން ފާހަގަކުރި ގޮތުގައި ސައުދީ އަރަބިއްޔާއާއެކު އޮންނަ ވަރުގަދަ އެކުވެރިކަމުގެ ގުޅުމާއެކު، އެ ޤައުމުގެ މިނިވަންކަމާއި، ސަލާމަތާއި، ސަރަޙައްދީ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް ވާހަކައެއް ބަލައެއް ނުގަނެވޭނެއެވެ. އަދި މިފަދަ ވާހަކަތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ ޗާޓަރާ ސީދާ ޚިލާފު ކަމެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރަނީ 1967 ގެ ބޯޑަރުތަކާ އެއްގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށާއި، އިރުމަތީ ގުދުސް އެ ދައުލަތުގެ ވެރިކަން ކުރާ ރަށުގެ ގޮތުގައި ހަމަޖެއްސުމަށެވެ. އެ ސަރަހައްދުގެ އަސްލު އޮޅުވައިލާ، ނޭދެވޭ އަސަރުކުރާ މިފަދަ ނަފުރަތު އުފެދޭ ބަޔާންތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅު އެޅުމަށް ދިވެހި ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައެވެ.
ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ނަތަންޔާހޫގެ މި ވާހަކަތަކުގެ ބޭނުމަކީ ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ގަތުލުއާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް އޮޅުވާލުމަށް މަސައްކަތްކުރުން ކަމަށެވެ. އަދި ސައުދީ އަރަބިއްޔާއިން އަބަދުވެސް ތާއީދުކުރަނީ ފަލަސްތީނުގެ ވަކި ދައުލަތެއް ގާއިމުކުރުމަށް ކަމަށާއި، އިސްރާއީލާއެކު ގުޅުން ބަދަހިކުރެވޭނީ ފަލަސްތީނުގެ ވަކި ދައުލަތެއް ގާއިމުކުރުމުން ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފައިވެއެވެ.