ޕޮލިސް ފްލެޓްގެ ޚިޔާނާތް މަޖިލީހުން ބަލަނީ

ޕޮލިސް ފްލެޓްގެ ޚިޔާނާތް މަޖިލީހުން ބަލަނީ

ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ފުލުހުންގެ ވިޔަފާރި ކުންފުނި، ފޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕްލޮކް) އިން ހުޅުމާލޭގައި ފުލުހުންނަށް ހާއްސަ ފްލެޓްތައް އެޅުމުގައި ހިޔާނާތް ހިންގާފައިވާ މައްސަލަ ބަލަން ފެށުމަށް ނިންމައިފައެވެ. މިގޮތުން މަޖިލީހުގެ މާލިއްޔަތާ ބެހޭ ކޮމިޓީއަށް އޮޑިޓަރ ޖެނެރަލް މާދަމާ 12:30 އަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މައްސަލައިގެ ތަފްސީލު ހާމަވެގެން ދިޔައީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި ރިޕޯޓަކުންނެވެ. މި ރިޕޯޓާ ގުޅިގެން މާލިއްޔަތު ކޮމިޓީން ވަނީ މުހިއްމު މައުލޫމާތުތަކެއް އެއްކުރައްވާފައެވެ. އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުތައް ދިރާސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކުރުމަކީ މާލިއްޔަތު ކޮމިޓީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އިސްކަނދަރު ކޮށީގައި ހުންނަ ޕޮލްކޯގެ އޮފީސް ބަލައި ފާސްކޮށް، ބައެއް ލިޔެކިޔުންތައް ނަގާފައެވެ. "ބްލޫ ހައުސިން" މަޝްރޫއުގެ ނަމުގައި ކުރިއަށް ގެންދިޔަ މި މަޝްރޫއުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން 354 މިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވާކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ވަނީ ހާމަވެފައެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރެވުނު 13 ބުރީގެ 3 ޓަވަރުގެ މަސައްކަތް 2013 ވަނަ އަހަރު ފުރަތަމަ ހަވާލުކުރެވުނީ ނޫމަޑި އާއެވެ. ނަމަވެސް މަސައްކަތް ލަސްވުމުން، އެ މަސައްކަތް ނޫމަޑީގެ ސަބްކޮންޓްރެކްޓަރު ކަމުގައިވާ އައިލެންޑް އެކްސްޕާޓާ ހަވާލުކުރެވުނެވެ. އެހެންނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ފުރިހަމަ ނުކުރެވުމުން، އެ އެއްބަސްވުން ވެސް އުވާލެވުނެވެ. އެއަށްފަހު މަޝްރޫއު ސަރުކާރުގެ ދަށަށް ބަދަލުކޮށް، 2013 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު ހައުސިން މިނިސްޓްރީން އަމީން ކޮންސްޓްރަކްޝަނާ މަސައްކަތް ހަވާލުކުރިއެވެ.

އޮޑިޓު އޮފީހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މި މަޝްރޫއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ހޭދަކުރެވިފައިވެއެވެ. މިއީ ފިނޭންސް މިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ބޯޑުން ހޯދި މައުލޫމާތުތަކާއި އަމިއްލަ ފަރާތްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ އަގުތަކަށް ބަލާއިރު، 354.7 މިލިއަން ރުފިޔާ އާއި މަދުވެގެން 240.1 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް ގިނަ ބަދަލުތަކެއް ގެނެސް، ނިމިފައިވާ މަސައްކަތަށް ފައިސާ ދެއްކުމުގެ ބަދަލުގައި އެކި ނަންނަމުގައި ފައިސާ ދައްކާފައިވާކަން ފާހަގަކުރެވިފައިވެއެވެ. މިކަމުން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭކަމަށް އޮޑިޓު އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *