އައިޖީއެމްއެޗްއިން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި މާލެއަށް ނިސްބަތްވާ ދެ ފިރިހެނުން ފުލުހުން ހައްޔަރުކޮށްފިއެވެ. މިގޮތުން ހައްޔަރުކުރެވުނު ދެ މީހުންގެ ތެރެއިން އެކަކީ 40 އަހަރުގެ މީހެއް އަދި އަނެކަކީ 46 އަހަރުގެ މީހެކެވެ.

މި މައްސަލައިގައި އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނު ދެ މީހުންގެ ތެރެއިން 40 އަހަރުގެ މީހާ 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށާއި، 46 އަހަރުގެ މީހާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ތުހުމަތުކުރެވޭ ދެ މީހުން ބުނެފައިވަނީ ހޮސްޕިޓަލުގައި ހުރި އެލްމިނިއަމްތައް ނަގާފައިވަނީ ހޮސްޕިޓަލުގެ މުވައްޒަފެއްގެ ހުއްދައާ އެކުގައި ކަމަށެވެ. ނަމަވެސް، އެ ހުއްދަ ދިން މުވައްޒަފަކީ ކާކުކަން އެ ދެ މީހުންނަށް ބުނެދެވިފައެއް ނުވެއެވެ. މީގެއިތުރުން، ހާދިސާއާ ގުޅޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ދެ މީހުން އުޅެފައިވަނީ އޭސީގެ ބައިތަކެއް ނަގާށެވެ.

މައްސަލައިގައި ތުހުމަތުކުރެވޭ 40 އަހަރުގެ މީހާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށް، އޭނާ އެތަނަށް ގޮސްފައިވަނީ ރަށްޓެއްސަކު ފެނިގެން ކަމަށް ކޯޓުގައި ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *