ރާއްޖޭގެ ސްކޫލްތަކަށް ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ 600އަށް ވުރެ ގިނަ ސެން ޓީޗަރުން ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރޭ ބޭއްވުނު 'ރިޔާސީ ބަޔާން 2025′ ޕެނަލް ޑިސްކަޝަންގައެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިވަގުތު ރާއްޖޭގެ ސްކޫލްތަކަށް 230އަށް ވުރެ ގިނަ ޕްރައިމަރީ ޓީޗަރުންވެސް ބޭނުންވެއެވެ. ނަމަވެސް ރައީސްގެ ޚާއްސަ ލަފާގެ ދަށުން، ޓީޗަރުންނަށް އޯގާތެރިވެ، މި ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމުގެ އުންމީދު އެބައޮތެވެ.
ތައުލީމީ ދާއިރާއަށް އިތުރު ޒުވާނުން ބޭނުންވާކަން ފާހަގަކުރައްވަމުން، މިނިސްޓަރު ވިދާޅުވީ މިހާރުވެސް ޓީޗަރުން ބިނާކުރުމުގެ ގައުމީ ޕްރޮގްރާމުގައި 100އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، އެކަށީގެންވާ ތައުލީމީ ގާބިލް، ޒުވާން ޓީޗިން ފޯސްއެއް ބިނާކުރެވިގެންދާނެ ކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.
ރައީސް ކުރިން ވަނީ ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މިހާރު އެޑިއުކޭޝަން ޑިވެލޮޕްމަންޓު ޕްރޮފެޝަނަލުންގެ މުސާރައިގެ އޮނިގަނޑުގައިވާ ގޮތުން، އެންމެ ދަށް ރޭންކުގެ މުވައްޒަފަކަށްވެސް 20،000 ރުފިޔާއަށްވުރެ ބޮޑު މުސާރައެއް ލިބޭއިރު، އެންމެ މަތީ ރޭންކުގެ މުވައްޒަފަކަށް 32،218 ރުފިޔާ ލިބެއެވެ.