އައްޑޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީ ހާއްސަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު ތިން މީހަކު ޝަރީއަތުން ގޮތެއް ނިންމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފިއެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ސ. ހިތަދޫ/ ފިނިފަރު، ހަސަން އާމިރު (25އ) ، އާއި ސ. ހިތަދޫ/ބުލޫބާރޑް، ހޫދު ލަތީފް (24އ) އާއި ސ. ހިތަދޫ/މަންދޫބުގެ، ޙުސައިން ސިމާޙު (27އ)އެވެ.
މިމީހުންގެ ތެރޭގައި ހިމެނޭ ސ. ހިތަދޫ/ބުލޫބާރޑް، ހޫދު ލަތީފް (24އ) އަކީ މިމައްސަލައާ ގުޅިގެން އޮކްޓޫބަރު 7 ވަނަ ދުވަހުގެ ވަގުތެއްގައި ހައްޔަރުކޮށް، އެދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ މީހެކެވެ. އަދި އަނެއް ދެމީހުންޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވަނީ އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުންނެވެ.
މި ތިން މީހުންނާއެކު ޖުމްލަ 5 މީހަކަށް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. ކުރިން ސ. ހިތަދޫ/ފިނިފަރު، ޢަބްދުﷲ އިބްރާހިމް (33އ) އާއި ސ. ހިތަދޫ/ކޯޅި، މުޙައްމަދު ޔާމީން ނަޞީރު (23އ) އަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުންވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ މި އޮޕަރޭޝަނުގައި މިހާތަނަށް ޖުމްލަ 16 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފަހުން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، އެ ދެމީހުން ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 5 އަދި 7 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އެދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 5 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އަދި އޮކްޓޫބަރު 7 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ/ބުލޫބާރޑް، ހޫދު ލަތީފް (24އ) އެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ތަހުގީގަށް އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ 8 މީހަކު ވަނީ ދޫކޮށްލާފައެވެ.
ސ.ހިތަދޫ / ފިނިފަރު، ޢަބްދުﷲ އިބްރާހީމް (33 އަހަރު) އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރުބަޔަކު ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ޑްރަގް އިންޓެލިޖެންސް އާއި މެރިން ޕޮލިސް އާއި ސައުތު ޕޮލިސް ޑިވިޜަންގައި ގާއިމްވެތިބޭ ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުން އަދި ސައުތު ޕޮލިސް ޑިވިޜަން ގުޅިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި ޚާއްސަ އޮޕަރޭޝަންގައި ވަގުތީ ބަރުދަނުގައި 98.6 ކިލޯގެ މަސްތުވާތަކެތި ފެނިފައި ވެއެވެ.
ކޮމެންޓު ފޮނުވާ