މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ލާމު އަތޮޅުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ޑިފެންސް އިން ބުނެފިއެވެ.
މިނިސްޓްރީ އޮފް ޑިފެންސް އިން ގެޒެޓް ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މާރޗް 1 ވަނަ ދުވަހާއި ހަމައަށެވެ. މި ތަމްރީނުތައް ކުރިއަށް ގެންދެވޭނީ ލ. ފޮނަދޫ އާއި ލ. މާންދޫ އަދި ލ. ގަން މުކުރިމަގު، މަތިމަރަދޫ އަދި ތުނޑި ސަރަހައްދުގައެވެ.
ޑިފެންސް މިނިސްޓްރީގެ އިއުލާނުގައި ވާގޮތުން މި ތަމްރީނުތަކުގައި ސިފައިން ހަރަކާތްތެރިވާނީ ހަތިޔާރާ އެކުގައެވެ. ނަމަވެސް ލައިވް ވަޒަނާއި ގޮވާ ޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް ބޭނުމެއް ނުކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އާންމު ގޮތެއްގައި ލ. އަތޮޅަކީ ސިފައިންގެ އެކި ބާވަތުގެ ތަމްރީނުތައް ކުރިއަށް ގެންދާ އަތޮޅެކެވެ. މީގެ ސަބަބަކީ ލ. ކައްދޫގައި ސިފައިންގެ ހެޑްކްއާޓަރެއް ޤާއިމްކުރެވިފައި ހުރުމާއެކު، ލ. އަތޮޅުގެ އެކި ރަށްތަކުގައި ސިފައިންގެ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ފަސޭހަވުމެވެ.