ބޭރަށް ފުރާ ދިވެހިންނަށް މިހާރު ދޫކުރާ 500 ޑޮލަރު، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި 1،000 ޑޮލަރއަށް ބޮޑު ކުރަނީ

ބޭރަށް ފުރާ ދިވެހިންނަށް މިހާރު ދޫކުރާ 500 ޑޮލަރު، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި 1،000 ޑޮލަރއަށް ބޮޑު ކުރަނީ

ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް މިހާރު ދޫކުރާ 500 ޑޮލަރު، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ އިން ފެށިގެން ދެގުނަކޮށް 1،000 ޑޮލަރު ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުން ރައީސް ވިދާޅުވީ، ރުފިޔާގެ އަގު ހިފަހައްޓައި ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. މިކަން ހައްލު ކުރުމުގެ ގޮތުން ބޭރު ފައިސާއާ ބެހޭ ގާނޫނެއް އެކުލަވައިލާ ތަންފީޒުކޮށްފައިވާ ކަމަށާއި އެކަމުގެ ހެޔޮ ބަދަލު ވަރަށް އަވަހަށް ރިޒާވުން ފެންނާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރިން މުދާ އިމްޕޯޓްކުރުމުގެ ގޮތުން، ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވިގެންދާނެއެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި، ކްރެޑިޓް ކާޑު ލިމިޓު 750 ޑޮލަރުން 1،400 ޑޮލަރަށް ބޮޑު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ހުރިހާ ޑޮލަރެއް ކަޅު ބާޒާރަށް ނުގޮސް، މި އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ހޯދޭނެ ކަމަށެވެ. އަދި ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒުވަމުންދާ ވަރަކުން އެކަމުގެ ފައިދާ ރައްޔިތުންނަށްކޮށް، ފުދުންތެރިކަން އިތުރު ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަސް ދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރުކުރުމުގެ އިހުތިޔާރު ލިބިގެންވެއެވެ. އަދި "ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެއެވެ. ރައީސް މިދިޔަ މަހުގެ ފަހުކޮޅު އަތޮޅުތަކަށް ކުރެއްވި ދަތުރުތަކުގައި ވިދާޅުވެފައިވަނީ، މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *