އަންނަ ސެޕްޓެންބަރ މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ: ރައީސް

އަންނަ ސެޕްޓެންބަރ މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ: ރައީސް

2025 ވަނަ އަހަރުގެ ސެޕްޓެންބަރ މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، މިއަދު ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުންނެވެ.

ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި 2024 ވަނަ އަހަރަށްވުރެ މި އަހަރު އިޤުތިޞާދީ ކުރިއެރުން ހަލުއިވެގެންދާނެ ކަމަށާއި، 2025 ވަނަ އަހަރު ރާއްޖޭގެ އިޤުތިޞާދު 6.4 އިންސައްތައިން ކުރިއަރާނެކަމަށް އަންދާޒާކުރެވެއެވެ. މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަރވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރިކަމަށާއި، އެއީ 2023 ވަނަ އަހަރު ނިމުނުއިރު ރިޒަރވްގައި ހުރި 590.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ 14 އިންސައްތަ އިތުރު އަދަދެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

އާންމު ރައްޔިތުންގެ ދިރިއުޅުމަށް އެ ތިޔާގިކަން ފޯރަން ފަށާނެ. މިގޮތުން 2025 ވަނަ އަހަރުގެ ސެޕްޓެންބަރ މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވޭނެ. އަދި، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރީން މުދާ އިމްޕޯޓްކުރުމުގެ ގޮތުން، ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވިގެންދާނެ.

ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވެފައިވަނީ މި އަހަރަށް އުންމީދީ އަންދާޒާއަކީ ދައުލަތުގެ ރަސްމީ ރިޒަރވް 705.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވުން ކަމަށެވެ. އަދި އިޤުތިޞާދީ މި ނަތީޖާތަކާއެކު ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަކީ ދިވެހި ދައުލަތާއި ދިވެހި ކޮންމެ ރައްޔިތެއްގެ ޙައްޤުގައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރީން މުދާ އިމްޕޯޓްކުރުމަށް ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވިގެންދާނެއެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރގައި 1000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށާއި، 2026ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެއެވެ.

ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބޭރު ފައިސާއާބެހޭ ޤާނޫނު ތަންފީޒުކުރުމުގައި ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ސިޓީހޮޓާތައް އަދި މި ޤާނޫނުން ޑޮލަރު މާރުކުރަންޖެހޭ އެންމެހާ ވިޔަފާރިތަކުގެ ފުރިހަމަ އެއްބާރުލުން ދިނުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *