ރިޔާސީ ބަޔާން 2025: މިއަހަރު ނިމޭއިރު ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިނުވާ އެއްވެސް ރަށެއް ނުހުންނާނެ

ރިޔާސީ ބަޔާން 2025: މިއަހަރު ނިމޭއިރު ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިނުވާ އެއްވެސް ރަށެއް ނުހުންނާނެ

Author
ހުސައިން
06 ފެބްރުއަރީ 2025 12:13
0

މިއަހަރު ނިމޭއިރު ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިނުވާ އެއްވެސް ރަށެއް ނުހުންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ ގައުމުގެ އަމަން އަމާންކަމާއި، ލޯ އެންޑް އޯޑަރ ބެލެހެއްޓުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތަށް ކުރިއެރުން ގެނެސްދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުންދާ ކަމަށެވެ. އެގޮތުން 17 ނޮވެންބަރު 2023 އިން ފެށިގެން މިހާތަނަށް 27 ރަށުގައި ޕޮލިސް ސްޓޭޝަން ވަނީ ހުޅުވާފައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސް ހާމަކުރެއްވި ގޮތުގައި މިވަގުތު ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިނުވާ 39 ރަށުގައި މިއަހަރު ތެރޭގައި ޚިދުމަތް ޤާއިމުކުރެވިގެންދާނެ ކަމަށާއި، 20 ރަށެއްގައި ޤާއިމުކުރެވިފައިވާ ފުލުހުންގެ ޚިދުމަތްދޭ ވަގުތީ ތަންތަނުގެ ބަދަލުގައި، ފުރިހަމަ ދާއިމީ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ ޢަމަލީ މަސައްކަތްވެސް މިއަހަރު ފެށިގެންދާނެއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޑްރަގާއި ގޭންގުތަކުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ދިވެހި ފުލުހުންގެ ޚިދުމަތުގައި އިންސާނީ ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް މިއަހަރު އިތުރުކުރެވިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.