ގެދޮރު އިމާރާތްކުރަން ކުޑަ އިންޓްރެސްޓުގައި ދޫކުރާ ލޯނު އަންނަ ޖުލައި މަހުން ފެށިގެން ދޫކުރަން ފަށާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ލޯނު ދޫކުރުމަށް މިއަހަރުގެ ބަޖެޓުގައި 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. މިއީ ގެދޮރު އަޅަން ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ދޫކުރާ ލޯނެކެވެ.
ރައީސް ވިދާޅުވީ އަމިއްލަ ގޯތީގައި އިމާރާތްކުރުމަށް 5 އިންސައްތަ އިންޓަރެސްޓުގައި ދޫކުރާ މިލޯނު ޖުލައި މަހު ދޫކުރަން ފެށުމުން، ދިރިއުޅުން ބިނާކުރުމަށްޓަކައި އާންމު ރައްޔިތުންނަށް 1 ބިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެ ކަމަށެވެ. މިލޯނު ސްކީމުގެ ދަށުން މާލޭގައިނަމަ 6 މިލިއަން ރުފިޔާއާ ހަމައަށް އަދި ބެހެނިވެރިން އެކުވެގެންނަމަ 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ދެމެހެއްޓެނިވި އާބާދީއާއި ތަރައްޤީގެ ވިސްނުމުގެ ދަށުން ކަނޑައެޅިފައިވާ ރަށްރަށުގައި 3 މިލިއަން ރުފިޔާއާ ހަމައަށް އަދި އެހެނިހެން ރަށްރަށުގައި 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ލޯނު ސްކީމްގެ ދަށުން މާލޭގައި ނަމަ 6 މިލިއަން ރުފިޔާއާ ހަމައަށް އަދި ބެހެނިވެރިން އެކުވެގެން ނަމަ 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ.
ރައީސް ވިދާޅުވި އެވެ.
މިލޯނުގެ ބޭނުންކޮށްގެން މުޅިން އަލަށް ގެއެއް އިމާރާތްކުރުމާއި، ހަދަން ފަށާ ނުނިމިހުރި ގެއެއްނަމަ ނިންމުމާއި، ހަދާފައި ހުރި ގެއެއްނަމަ މަރާމާތު ކުރެވޭނެއެވެ. ރައީސް ވިދާޅުވީ މިއީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އެރައްޔިތެއްގެ ފުރަތަމަ ގެއަށް ޚަރަދުކުރުމަށް ހުޅުވާލެވޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.
"ހިޔާވެހި" ލޯނު ސްކީމުގެ ދަށުން ލޯނު ދޫކުރާނީ ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނުކުރުމަށްފަހު، 5 އިންސައްތަ އިންޓްރެސްޓް ރޭޓުގައި، ގިނަވެގެން 25 އަހަރަށެވެ. މިލޯނުގެ ގްރޭސް ޕީރިއަޑަކީ ގިނަވެގެން 18 މަހެވެ. އެޑްވާންސްގެ ގޮތުގައި ގިނަވެގެން ދޫކުރާނީ 15 އިންސައްތައެވެ. އިތުރު ފައިސާ ލިބޭނީ މަސައްކަތް ކުރިއަށްދާ މިންވަރަށް ބެލުމަށްފަހުގައެވެ. ލޯނުތައް ދޫކުރާނީ ލޯނަށް އެދޭ މީހުންގެ ފައިނޭންޝަލް ސްކްރީނިންގއަކަށްފަހު، ލޯނު އަނބުރާ ދެއްކޭނެ މީހެއްތޯ ބަލައި ކަށަވަރުކުރުމަށްފަހުގައެވެ.