"ރަސްމާލެ" ނަމުގައި މާލެ ސަރަހައްދުގައި އަވަށެއް ތަރައްޤީކުރުމަށް ކ. ފުށިދިއްގަރުފަޅު ހިއްކުން މަޑުޖެހިގެން ދިޔަ ނަމަވެސް، އެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ދެވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށެވެ.
މި މަޝްރޫޢު ފުރަތަމަ ހަވާލުކުރި ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އަށް ބިންތަކެއް ނުދެވުމުގެ ސަބަބުން މަޝްރޫޢު ކުރިއަށް ގެންދަން ބޭނުން ނުވެގެން އެއްބަސްވުން އުވާލަން ޖެހުނު ނަމަވެސް، ދިމާވި ތަފާތު ދަތިތަކާއެކުވެސް ސަރުކާރުގެ އަމާޒަކީ މިއަހަރު ބިން ހިއްކުން ނިންމައި، 2026 ވަނަ އަހަރުގައި އަސާސީ ޚިދުމަތްތައް ގާއިމުކުރުމާއި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުން ކަމުގައި ރައީސް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރުމަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ދަނީ ކުރިއަށް. ދިމާވި ތަފާތު ދަތިތަކާއެކު ވެސް ސަރުކާރުގެ އަމާޒަކީ، މިއަހަރު ބިން ހިއްކުން ނިންމައި 2026 ވަނަ އަހަރުގައި އަސާސީ ހިދުމަތްތައް ގާއިމްކުރުމާއި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ޢަމަލީ މަސައްކަތް ފެށުން.
ރައީސް ވިދާޅުވި އެވެ.
"ރަސްމާލެ" ގެ ނަމުގައި ފުށިދިއްގަރުފަޅު ތަރައްޤީކުރަން ސީއެމްސީއާ ގުޅިގެން 18 ޑިސެންބަރު 2023 ގައި މަސައްކަތް ފެށި އިރު، ކ. ގުޅީ ކައިރީގައި އޮންނަ ފުށިދިއްގަރު ފަޅުން 1,153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް އަމާޒުކޮށް ރަސްމާލޭގައި އެކަނިވެސް އެކި ކަހަލަ 30,000 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.