މަސްވެރިންނާއި އޮޑިވެރިންނާއި އާންމު ފަރުދުންގެ ފައިދާއަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ކޮންމެ އަތޮޅެއްގައި އެސްޓީއޯގެ ފިއުލް ސްކިޑް ގާއިމުކޮށް އެސްޓީއޯ ރޭޓުގައި ޑީސަލް ތެޔޮ ވިއްކަން ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ދިވެހި މަސްވެރިކަމަކީ ދިވެހީންގެ އައިޑެންޓިޓީއާއި ދިވެހިންގެ ދެމިތިބުމާ ގުޅިފައިވާ ގުދުރަތީ އެންމެ މުހިންމު އެއް ހަދިޔާކަމަށާއި، ދިވެހި މަސްވެރިކަމުގެ ސިނާޢަތް ޒަމާނާ އެކަށޭނަ ގޮތަށް އަބަދުވެސް ކުރިއެރުވުމަކީ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ.
48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދެވޭނެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި މިހާރު ވަނީ ގާއިމުކުރެވިފައި ކަމަށާއި، ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ނުދީހުރި ފައިސާއާއެކު، މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ، ބެކްލޮގް އެއްކޮށް ވަނީ ނިންމާލެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑު ވަޢުދުވެފައިވާގޮތަށް މަސްވެރިންނާ އޮޑިވެރީން އަދި އާންމު ފަރުދުންގެ ފައިދާއަށްޓަކައި މި އަހަރު ނިމުމުގެ ކުރިން ކޮންމެ އަތޮޅެއްގައި އެސް.ޓީ.އޯ ގެ ފިއުލް ސްކިޑް ޤާއިމުކޮށް އެސް.ޓީ.އޯ ރޭޓުގައި ޑީސަލް ތެޔޮ ވިއްކަން ފެށޭނެ.
ރައީސް މުއިއްޒު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާޢަތު ފުޅާކުރުމަށްޓަކައި، ޅ. ފެލިވަރު، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމާއި، މަސް ޕްރޮސެސިންގ ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ގދ. ތިނަދޫ، މ. މުލަކު، ގއ. ކޫއްޑޫ، އަދި ހއ. އިހަވަންދޫގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމުގެ މަސައްކަތާއި، ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިއަހަރު ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢުތަކުގެ ތެރެއިން ގިނަ މަޝްރޫޢުތަކަކީ ބޭރުގެ ފަންޑިންގ އެޖެންސީތަކުން އެހީދީގެން ހިންގާ މަޝްރޫޢުތަކެކެވެ. ފެލިވަރު ކޯލްޑް ސްޓޯރޭޖަކީ އިންޑިއަން އެގްޒިމް ބޭންކް ލޯނުގެ ދަށުން އަޅާ ފެސިލިޓީއެއް ކަމަށާއި، މ. މުލަކު އަދި ކޫއްޑޫގެ މަޝްރޫޢަށް ފަންޑުކުރަނީ ސައުދީ ފަންޑުން ކަމަށާއި، ހއ. އިހަވަންދޫ ކޯލްޑް ސްޓޯރޭޖާއި ހުޅުމާލޭ ކަންނެލި ފެކްޓްރީއަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީއާއެކު ގާއިމުކުރާ ފެސިލިޓީތަކެއް ކަމަށާއި، ގދ. ފިޔޯރީ އާއި ފ. ނިލަންދޫ މަޝްރޫޢަށް ފައިނޭންސްކޮށްދެނީ ޗައިނާގެ ލޯން ފެސިލިޓީއަކުން ކަމަށް ރައީސް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ގައުމީ ދަފުތަރެއް އުފައްދައި، އެ ދަފުތަރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގެ 95 ޕަސެންޓު ރަޖިސްޓްރީކުރެވިފައިވާ ކަމަށާއި، މި ދަފުތަރުގައި ރަޖިސްޓަރީވާ މަސްވެރިންނަށް ބޭންކިންގ ނިޒާމުގެ ތެރެއިން ލުއިލޯނު ހޯދުމުގެ ފުރުސަތާއި އެސްޓީއޯ ކްރެޑިޓް ފެސިލިޓީ ފަދަ ކަންކަމަށް އެޕްލައިކުރުމުގެ ފުރުސަތު މިއަހަރު ނިމުމުގެ ކުރިން ފަހިވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.