ރާއްޖޭގެ އިޤްތިޞާދުގެ މައި ސިނާޢަތް ކަމުގައިވާ ޓޫރިޒަމް މިހާތަނަށް ފުޅާވެފައި ނެތް ހދ. އާއި ތ. އަތޮޅު ފަދަ ހިސާބުތަކަށް ޓޫރިޒަމް ފުޅާކުރުމަކީ ސަރުކާރުގެ މިއަހަރުގެ އަމާޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވިދާޅުވީ، އެފަދަ އަތޮޅުތަކަށް ޓޫރިޒަމް ފުޅާކުރާނީ އިންވެސްޓް ކުރުމުގެ ލުއިތަކުގެ އިތުރުން އެހެނިހެން އިންސެންޓިވްތައް ދީގެން ކަމަށެވެ. އެހެންކަމުން، ހދ. އާއި ތ. އަތޮޅު ފަދަ ރަށްރަށުގައި މިއަހަރު ރިސޯޓުތައް ހަދަން ފެށުމަކީ އަމާޒެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދެ މިލިއަން ޓޫރިސްޓުން މިދިޔަ އަހަރު ޒިޔާރަތްކޮށްފައިވެއެވެ. އަދި 2023 ވަނަ އަހަރާ އަޅާބަލާއިރު، މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 9 އިންސައްތަ އިތުރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، މި އަމާޒު ހާސިލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މިހާރު ވަނީ ފެށިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖެއަށް ޓޫރިސްޓުން އިތުރުކުރުމަށްޓަކައި މޯލްޑިވިއަން އެއަރލައިންސްއިން ފުރަތަމަ ފަހަރަށް ވައިޑްބޮޑީ އެއަރކްރާފްޓް އިފްތިތާޙުކޮށްފައިވާ ކަމަށާއި، ޗައިނާގެ އިތުރު ސިޓީތަކާއި އެހެނިހެން ސަރަޙައްދުތަކަށް މޯލްޑިވިއަން އެއަރލައިންގެ އިންޓަނޭޝަނަލް އޮޕަރޭޝަން ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިތުރު ވައިޑްބޮޑީ އެއަރކްރާފްޓެއް އޮކްޓޫބަރު މަހުގައި ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ޔޫރަޕްގެ ބައެއް މަންޒިލްތަކަށްވެސް ގައުމީ އެއަރލައިންގައި ސީދާ ރާއްޖެއިން އުދުހެން ފެށޭނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.