ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށުމުގެ ގޮތުން މާދަމާ އިއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ބަޔާނާ ގުޅިގެން، ވެރިކަން ހިންގާ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުން މިއަދު މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ރިޔާސަތު ބެލެހެއްޓެވިއެވެ. މި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމާއި، ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އަދި ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް، ޕީއެންސީގެ ޗެއަރޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މި ބައްދަލުވުމުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި މަޖިލީހުގެ އައު ދައުރުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާއި، އެމްޑީޕީގެ މެންބަރުން ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ހުރަސްއެޅުމުގެ ފުރުސަތު އޮތުމާއެކު، އެފަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތް ހިމެނެއެވެ. މާދަމާ ހެނދުނު 9:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރިޔާސީ ބަޔާން އިއްވަވާ ދެވަނަ ފަހަރެވެ.
އަދި ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ރައީސް ޑރ. މުއިއްޒު އާއި އަބްދުއްރަހީމް އާ ދެމެދު ހިޔާލު ތަފާތުވުންތަކެއް ހުރި ކަމުގެ ވާހަކަތަކެއް ދެކެވެމުންދިޔަ ނަމަވެސް، މާދަމާގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ކަމަށް ވެއެވެ.